May 24, 2026
Advertisement
-
- / ސްޓްރެއިޓް ޓައިމްސް

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިލާގެ ބައިވެރިންނަށް ސަހްޔޫނީން އަނިޔާކުރަމުންދަނީ

Aiminath Sarah
އައިމިނަތް ސާރާ
May 20, 2026, 07:38 PM
މާލެ ސިޓީ

ޣައްޒާގެ ބަނޑުހައިހޫނުކަމުގައި ތިބި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ދަތުރުކުރި "ސަމަރ ފްލޮޓިލާ" ސަހްޔޫނީންގެ އަސްކަރިއްޔާއިން ހިފަހައްޓައި، އޭގައި ތިބި މީހުން ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދެމުންދާކަމުގެ ރިޕޯޓުތައް ލިބެން ފަށައިފިއެވެ.

Advertisement

މި ދަތުރަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ ދަތުރެކެވެ. ނަމަވެސް، ސަހްޔޫނީ ސިފައިން ވަނީ މި އުޅަނދުތައް ހުއްޓުވައި، އޭގައި ތިބި އެހީތެރިންނާއި އެކްޓިވިސްޓުން އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ލިބެމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، ރަހީނުކުރެވިފައިވާ މީހުންނަށް ސަހްޔޫނީންގެ ޖަލުތަކުގައި ނުވަތަ ބަންދުކޮށްފައި ތިބި ތަންތަނުގައި ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ތަޅާފޮޅުމާއި، އަސާސީ ޚިދުމަތްތަކުން މަޙްރޫމްކުރުން ހިމެނެއެވެ.

މި ހިތްދަތި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހީ ފޯރުކޮށްދިނުމަށް ދިޔަ މައުސޫމް ބަޔަކަށް މިފަދަ އަނިޔާވެރި އަމަލުތަކެއް ހިންގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރި މި ދަތުރު ހުއްޓުވައި، އެހީތެރިންނަށް އަނިޔާކުރުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ. މި މީހުން މިނިވަންކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved