
އީރާނުން އެމެރިކާއަށް ދެ ފިޔަވަހީގެ މައްޗަށް އެކުލެވޭ އާ ޕްރޮޕޯސަލްއެއް މިއަދު ހުށަހަޅައިފިއެވެ. މިއީ ސަރަހައްދީ ހަމަޖެހުމާއި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ހުށަހެޅި މުހިންމު ހުށަހެޅުމެއް ކަމަށް ބެލެވެއެވެ.
މި ހުށަހެޅުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އީރާނުން ބޭނުންވަނީ ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުމަށެވެ. މީގެ އިތުރުން އެމެރިކާގެ ކަނޑުގެ ސިފައިން ގާއިމުކޮށްފައިވާ ބްލޮކޭޑް ނައްތާލުމަށާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމުގެ އިތުރުން ހަނގުރާމައިގެ ބަދަލު ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މި ފިޔަވަހީގައި އީރާނުން ވަނީ ސްޓްރޭޓް އޮފް ހޮރްމުޒް އަލުން ހުޅުވައި، އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ޓޯލް ނިޒާމު މެދުކަނޑާލުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ދެވަނަ ފިޔަވަހީގެ ދަށުން އީރާނުން ވަނީ ޔޫރޭނިއަމް މުއްސަނދިކުރުން 3.6 އިންސައްތައަށް ވުރެ އިތުރުނުކޮށް 10 އަހަރު ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ހުށަހަޅާފައެވެ. އަދި މިހާރު މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ޑައިލޫޓްކޮށް، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް ވައުދުވާނެ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.
ނަމަވެސް އީރާނުގެ ލީޑަޝިޕުން ބޭނުންވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މުޅިން އުވާލުމަށެވެ. އަދި ޔޫރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އީރާނަށް ލިބިގެންވާކަން އެމެރިކާއިން ރަސްމީކޮށް ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް މި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވެއެވެ.










