
މިފެށޭ ބޮޑު އީދު ބަންދާ ދިމާކޮށް، ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިފަދައިން އިލްތިމާސްކޮށްފައިވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ، މި ދުވަސްވަރު ޑެންގޫ، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފަދަ ބަލިތައް ފެނުން އިތުރުވެފައިވާ ކަމަށެވެ. އަދި، މާލެ ސަރަހައްދުން ހިމަ ބިހީގެ ކޭސްތަކެއް ވެސް ފެނިފައިވާތީ ބަލިތައް ފެތުރުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖެއިން ބޭރާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެތީ ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައިވެސް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
ބަލިތަކުން ރައްކާތެރިވެތިބުމަށްޓަކައި ސަމާލުކަން ދޭންވީ ކަންކަމުގެ ގޮތުގައި އެޗްޕީއޭން ފާހަގަކޮށްފައިވަނީ:
ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމަތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން
ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
ހިބަ ބިހަށް ޝައްކުވެގެން ޓެސްޓު ހަަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން
ދަތުރުފަތުރުކުރުމަށް ދާއިރާއި އާންމުކޮށް މީހުން ގިނައިން އެއްވެ އުޅޭ ބަންދު ތަންތަނުގައި މާސްކު އެޅުން
ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ބަލިން ރައްކާތެރިވުމަށް އަދި ބޮޑުވަރުވިޔަ ނުދިނުމަށް ވެކްސިން ފުރިހަމަކުރުންމަދިރިން
ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމާއެކު ނިވާކަން ބޮޑު ހެދުން އެޅުމާއި މަދިރިއަށް ވަދެވޭގޮތަށް ހުންނަ ތަންތަން ބަންދުކުރުން، އަދި މަދިރި އާލާވާ ތަންތަން ނައްތާލުން މިއެވެ.
ބަލިތައް ފެތުރުން އިތުރުވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، މިފަހަރުގެ އީދު މާލޭގައި ވެސް ކުލަގަދަކޮށް ބޭއްވުމަށްޓަކައި ގިނަ ހަރަކާތްތަކެއް އޮތީ ރާވާފަ އެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށާއި ބަލާލަން ގިނަ ބަަޔަކު އީދުގައި އެއްވެއެވެ.










