
އާންމުންނަށް ލިބެން ޖެހޭ ބޭސް ނުލިބި އެތައް ރައްޔިތަކު ބޮޑެތި ތަކުލީފުތަކުގެ ތެރޭގައި އުޅެމުންދާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ބޭހުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ބުނެ އައު ތާރީޚެއް އަނެއްކާވެސް ދީފިއެވެ.
އެގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނުގެ އެންމެ ބޮޑު އިސްކަމަކީ ދިގު މުއްދަތަށް ބޭސް ބޭނުންކުރަން ޖެހޭ ބަލިމީހުންނަށް އެއްވެސް މެދުކެނޑުމެއް ނެތި ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވިދާޅުވީ މިކަމަށްޓަކައި ސަރުކާރުން އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" (ސްޓޭޓް ފާމާ) އިން މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް އެތެރެކުރުމުގެ ޒިންމާ މިހާތަނަށް އުފުލަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، މި ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސްޓޭޓް ފާމާގެ ދަށަށް މި ހުރިހާ މަސައްކަތްތަކެއް ބަދަލުކުރުމުގެ އިންތިޒާމުތައް މިހާރު ދަނީ ކުރިއަށެވެ. އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކާއި ބޭސް އެތެރެކުރުމުގެ މަސައްކަތް ރަސްމީކޮށް އާ ކުންފުނީގެ ދަށަށް ބަދަލުވާނެކަމަށް ވެއެވެ.
ނަމަވެސް ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދި އެވެ. އެކަމަކު އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އާންމުންގެ އުންމީދުތަކާ އެއްވަރަށް ކުންފުނީގެ މަސައްކަތްތައް ފެށިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކުންފުނި އިދާރީގޮތުން ހަމަޖެހި، ރަސްމީކޮށް ބޭސް އެތެރެކުރުމުގެ އޮޕަރޭޝަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ހޭދަވިއިރު، އެ މުއްދަތުގެ ތެރޭގައި ވެސް ފާމަސީތަކުން ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހުނު ތަކުލީފުތަކަށް މާ ބޮޑު ލުޔެއް ލިބިފައެއް ނުވެ އެވެ.










