May 25, 2026
Advertisement
ޝަހުޒާން މިނިވަން ކުރުމަށް ގޮވާލާ މިރޭ 9:00 ގައި އާޓިފިޝަލްއަށް އެއްވަނީ!
ޝަހުޒާން މިނިވަން ކުރުމަށް ގޮވާލާ މިރޭ 9:00 ގައި އާޓިފިޝަލްއަށް އެއްވަނީ! / ސޯޝަލް މީޑިއާ

ޝަހުޒާން މިނިވަން ކުރުމަށް ގޮވާލާ މިރޭ 9:00 ގައި އާޓިފިޝަލްއަށް އެއްވަނީ!

May 24, 2026, 06:07 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކޮށްގެން ޖަލަށް ލާފައި ހުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް، މުހައްމަދު ޝަހްޒާން މިނިވަން ކުރުމަށް ގޮވާލައި، މިރޭ އާޓިފިޝަލް ބީޗު ކުރިމައްޗަށް އެއްވާން ނިންމައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ މި ހަރަކާތުގައި ރާއްޖޭގެ ގިނަ ނޫސްވެރިންނާ އަދި ޝަހުޒާންގެ އާއިލާގެ ފަރާތުންވެސް ގިނަ ބަޔަކު ވަނީ ބައިވެރިވާ ގޮތަށް ހަމަޖެހިފައެވެ.

މިރޭ 9:00 ގައި  އޮންނަ މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

ގާނޫނީ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ވަގުތެއް ނުދީ، އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތެއްގައި ޝަހުޒާންގެ މައްޗަށް ހުކުމް ކޮށްފައިވަނީ، "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ އޮފީހުގެ ކުރީގެ އަންހެން މުވައްޒަފަކަށް ދަންވަރު ގަޑިތަކުގައި ގުޅާފައި ހުރި ކަމުގެ ހެއްކާ އެކު ސުވާލުކުރުމުން، އެއީ ކޯޓު އަމުރާ ޚިލާފުކަމެއް ކަމަށް ނިންމާއެވެ.

ޝަހުޒާންގެ މައްޗަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭގެ ތެރެއިން 15 ދުވަސް ޖަލުގައި ހޭދަކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ހުކުމުގެ ބާކީ ބައި ވަނީ ޖޫރިމަނާއަށް ބަދަލުކޮށްދީފަ އެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 25,800 ރުފިޔާ، 20 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved