June 9, 2026
Advertisement
-
-

2026 ގެ ވޯލްޑް ކަޕް: މެކްސިކޯއިން ހޫނު މަރުހަބާ ކިޔާއިރު އެމެރިކާއިން ހަރުކަށި ފިޔަވަޅުތައް

Aiminath Sarah
އައިމިނަތް ސާރާ
Jun 9, 2026, 12:06 PM
މާލެ ސިޓީ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނައިރު، މުބާރާތް ބާއްވާ ގައުމުތަކުގެ ތެރެއިން މެކްސިކޯ އާއި އެމެރިކާއިން ޒިޔާރަތްކުރާ ޓީމުތަކާ މެދު އަމަލުކުރާ ގޮތުގެ ތަފާތު ބޮޑުވެ، ސޯޝަލް މީޑިއާގައި ބޮޑު ފާޑުކިޔުމެއް އަމާޒުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މެކްސިކޯއަށް އަންނަ ފުޓްބޯޅަ ޓީމުތަކަށް އެ ގައުމުން ކިޔަނީ ވަރަށް ހޫނު އަދި އެކުވެރި މަރުހަބާއެކެވެ. ލޯކަލް އޮފިޝަލުންނާއި ސަޕޯޓަރުން އުފާވެރި މާހައުލެއްގައި ކުޅުންތެރިންނަށް މަރުހަބާ ކިޔަމުންދާއިރު، މިއާ ހިލާފަށް އެމެރިކާއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެމެރިކާއަށް ދާ ޓީމުތަކަށް "ސްނިފަރ ޑޮގް"  ބޭނުންކޮށްގެން ލަގެޖްތައް ބަލައި ފާސްކުރުމާއި، ހަރުކަށި ސެކިއުރިޓީ ސްކްރީނިންގް ތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލަ އެންމެ ބޮޑަށް ހޫނުވީ ސްވިޒަލޭންޑްގެ ގައުމީ ޓީމު އެމެރިކާއަށް ދިއުމުން، އެ ގައުމުގެ ސެކިއުރިޓީން އަމަލުކުރި އިހާނެތި ގޮތުގެ ފޮޓޯތަކާއި ރިޕޯޓްތައް އާންމުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުމަށް ހުރަސްއަޅައި، އެތެރެވިޔަ ނުދީ ހިފެހެއްޓި މައްސަލައަކީ ވެސް ގިނަ ބައެއްގެ ނުރުހުން އެމެރިކާއަށް އަމާޒުވި ކަމެކެވެ.

ގިނަ މީހުން ބުނާ ގޮތުގައި މެކްސިކޯއިން އީރާން ފަދަ ގައުމުތަކަށް ވެސް މަރުހަބާ ކިޔަނީ އިހުތިރާމާއި އެކުވެރިކަމާއެކުގައެވެ. ނަމަވެސް އެމެރިކާއިން ކުޅިވަރުގެ ރޫހާ ހިލާފަށް، ކުޅުންތެރިންނާއި އޮފިޝަލުންނަކީ ކުށްވެރިން ފަދައިން ބަލައި، ނުތަނަވަސް މާހައުލެއް އުފައްދަމުންދާ ކަމަށް ސަޕޯޓަރުން ތުހުމަތު ކުރެއެވެ.

"މެކްސިކޯއިން އީރާނަށް މަރުހަބާ ކިޔުނީ އެމީހުންނަށް ހައްގުވާ އިހުތިރާމާއެކު. އެއީ ވޯލްޑް ކަޕްގައި ވާންޖެހޭ ކަމެއް، ގައުމުތައް އެއްބައިވަންތަކުރުން،" ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިއީ "ސްޓޭންޑަޑް ސެކިއުރިޓީ" ފިޔަވަޅުތަކެއް ކަމަށް ބުނި ނަމަވެސް، ފުޓްބޯޅަ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދަށް އަންނަ ޕްލޭޔަރުންނަށް ދެވޭ ވަރަށް ގޯސް މެސެޖެކެވެ. މުބާރާތް ކައިރިވަމުން އަންނައިރު، ގިނަ ބަޔަކު ގޮވާލަމުންދަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ވެސް ކުޅިވަރުގެ ރޫހާއި މެހެމާންދާރީ އިސްކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved