June 9, 2026
Advertisement
-
-

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމެއްގައި 35 މީހުން މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 9, 2026, 05:26 PM
މާލެ ސިޓީ

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ ސަރަހައްދަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 35 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Advertisement

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުން ރިކޯޑު ކުރެވިފައިވަނީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 07:37 ގައެވެ. މި ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ، ޖަޕާން އަދި އޮސްޓްރޭލިއާއަށް ވެސް ސުނާމީގެ އިންޒާރު ނެރުނެވެ.

ފިލިޕީންސްގެ އޮފީސް އޮފް ސިވިލް ޑިފެންސްއިން ހާމަކުރި ގޮތުގައި، މަރުވި މީހުންގެ ތެރެއިން 31 މީހުންނަކީ ސޮކްސާޖެން ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ. އަދި ބާކީ 4 މީހުން މަރުވީ ދަވާއޯ ސަރަހައްދުންނެވެ. މި ހާދިސާގައި 134 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ގާތްގަނޑަކަށް 10,000 އާއިލާ ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ.

ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ބިމާހަމަވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، އޭގެ ތެރޭގައި މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓެއް ކަމަށްވާ "ޖޮލިބީ" ގެ އައުޓްލެޓެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

މި ކާރިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވީ، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ވެސް ރައީސް ވަނީ އަމުރުކުރައްވާފައެވެ.

26 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިންޑަނާއޯއަކީ ފިލިޕީންސްގެ ދެވަނައަށް އެންމެ ބޮޑު ރަށެވެ. އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ދަނީ މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved