
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު ކަމަށް ސާބިތުވެ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާއިރު، ކޯޓުން މިއަދު ވަނީ އެ ތިން މައްސަލަވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެގޮތުން އިއްވި ހުކުމްތަކަކީ:
މީގެ އިތުރުން، ޝަމްއާން 500,000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާ ފޭރުނު ކަމަށް ބުނާ 5 ލައްކަ ރުފިޔާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ހަވާލުކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހުކުމް އިއްވުމުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަމްއާން ވިދާޅުވީ މިއީ އޭނާ "ފްރޭމް" ކުރުމަށް ހިންގާ އަމަލެއް ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި މައްސަލައަކީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމުން ކުރިމަތިވި ކަމެކެވެ. ވަކިން ހާއްސަކޮށް، ވޯކް ޕާމިޓް ދޫކުރުމުގައި ހިންގާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން އޭނާގެ ބޮލުގައި އިލްޒާމް އެޅުވީ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން ގެނައި ސަރުކާރެއް. އެކަމަކު މި ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން،" މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވިއެވެ.
ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ 21 މާޗު 2025 ގައެވެ. އޭގެ ފަހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި 278 ދުވަސް އޭނާ ހޭދަކުރިއެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން ބައެއް އިމިގްރޭޝަން އޮފިސަރުންނާއި އާންމު ފަރާތްތަކެއްވެސް ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުންތަކެއް ހަދާފައެވެ.










