
އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ގޮންޖައްސަވައި، އެ އަމުރާ ޚިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
މި މައްސަލައަކީ ރައީސް އޮފީހުގެ މުއައްޒަފަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ބުނެ އަދަދު ނޫހަށް ދިން މައުލޫމާތުތަކަކާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ޚިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހްތިޖާޖެއް ކަމަށެވެ.
"އަޅުގަނޑު މިހުރީ ކޯޓު އަމުރާ ޚިލާފުވާން ތައްޔާރަށް" ނަޝީދު ވިދާޅުވިއެވެ. މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ނިންމުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރުމުގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކަށް ރިއާޔަތްކޮށްފައިވެއެވެ. ނަމަވެސް، މި ނިންމުމަކީ މުޅި މުޖުތަމައުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ނިންމުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުން 10 މެއި ގައި ނެރެފައިވާ އަމުރުން މި މައްސަލައާ ގުޅޭ އެއްވެސް ޚަބަރެއް ލިއުމާއި، ގެނެސްދިނުމާއި، ޕްރޮގްރާމްތަކުގައިވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް މިކަމާ ގުޅޭ ވާހަކައެއް އެއްވެސް ސިފައެއްގައި ރާއްޖޭގެ އެއްވެސް ނޫސް މީޑިއާއަކުން ގެނެސް ނުދެވޭގޮތަށް, ސިޔާސީ ޕާޓީއަކުންވެސް ނުދެއްކޭގޮތަށް، އަދި ޖުމުލަކޮށް އެއްވެސް މީހަކަށް ނުދެއްކޭގޮތަށް ސަރުކާރުން ވަނީ ރައްޔިތުންގެ އަނގަ ބަންދުކޮށްފައެވެ.










