
އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދީފާނެ ހަމަލާއަކާ މެދު، ޕާކިސްތާނާއި ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ. މި ދެ ގައުމުން ބުނެފައިވަނީ އީރާނުގެ ލީޑަޝިޕާ ކުޅެލުމަކީ ސަހްޔޫނީންނަށް ކުރެވޭނެ އެންމެ ފަހު ކަންތަކަށް ވެދާނެ ކަމަށެވެ.
ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާދީފިނަމަ، ސަހްޔޫނީންގެ ވަސްވެސް މި ބިމުން ފުހެލާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ވަނީ ދީފައެވެ. މި އިންޒާރަކީ އީރާނުގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމުގެ ހެއްކެކެވެ.
ރޮއިޓާސް އިން ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އާއި ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޤްރު ޤާލިބާފަށް އިސްރާއީލުން ހަމަލާއެއް އަމާޒުކޮށްފާނެ ކަމުގެ މައުލޫމާތު ލިބުމާއެކު، ޕާކިސްތާނުން ވަނީ މިކަމުގެ ތެރެއަށް އެމެރިކާ ތަދައްޚުލްވުމަށް ބާރުއަޅާފައެވެ. ޕާކިސްތާނުން އިންޒާރު ދީފައިވަނީ އީރާނުގެ އިސް ދެ ބޭފުޅުންނަށް ގެއްލުމެއް ދީފިނަމަ، މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް ހުރިހާ މަސައްކަތްތައް ހުއްޓި، މުޅި ސަރަހައްދު ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.
މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް އީރާނުގެ މި ދެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ސަހްޔޫނީން ރާވާފައިވާ ކަމުގެ ވާހަކަތައް ވަނީ ފެތުރިފައެވެ. މިފަދަ ރޭވުންތަކާ ދެކޮޅަށް ޕާކިސްތާނާއި ޗައިނާއިން ތިބީ ސާބިތުކަމާއެކު އީރާނުގެ ދިފާއުގައެވެ.
ޗައިނާ އާއި ޕާކިސްތާނުން މި ދިން އިންޒާރަކީ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި، އިސްރާއީލުން ހިންގާ އުދުވާނީ އަމަލުތައް ހުއްޓުވުމަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ބޭރުގެ މީޑިއާތަކުން ސިފަކުރެއެވެ.










