May 17, 2026
Advertisement
-
- / ޕާކިސްތާން އެމްބަސީ

އިންޑިއާގެ މައްޗަށް ޕާކިސްތާނުން ކުރި ހޯދި ހަނގުރާމައަށް 01 އަހަރު ފުރުން ރާއްޖޭގައި ފާހަގަކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 13, 2026, 07:44 PM
މާލެ ސިޓީ

ޕާކިސްތާނުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށްވާ 'މަރްކާ-އޭ-ހަކް' ގެ ފުރަތަމަ އަހަރީ ދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަހަކީ ޕާކިސްތާނުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގައި އެ ގައުމުގެ ސިފައިން ދެއްކި ހިތްވަރާއި، ކެތްތެރިކަމާއި، އެއްބައިވަންތަކަން ރަމްޒުކޮށްދޭ ދުވަހެކެވެ.

Advertisement

މި މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) ފައިސަލް ރަސޫލް ލޯދީ ވަނީ، ޕާކިސްތާނުގެ ރައީސާއި، ބޮޑުވަޒީރުގެ އިތުރުން ފޮރިން މިނިސްޓަރު މި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުތައް ހިއްސާކުރައްވާފައެވެ. ހައިކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި މިއީ ގައުމީ ފެންވަރުގައި ހިސާބުކިތާބު ބަލައި، ގައުމުގެ ދިފާއުގައި ސިފައިން ދެއްކި މަތިވެރި ނަމޫނާ ވަޒަންކުރަންޖެހޭ ވަގުތެކެވެ.

ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި، އިންޑިއާގެ ފަރާތުން ކުރިމަތިވި އުދުވާނީ އަމަލުތަކަށް ޕާކިސްތާނުގެ ލީޑަރޝިޕުން ޖަވާބުދިނީ ވަރަށް ކެތްތެރިކަމާއި، މެޗުއަރިޓީއާއި، އަދި ގާނޫނީ ސާފުކަމާއެކު ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޖަވާބަކީ މިންކުރެވިފައިވާ، ޒިންމާދާރު، އަދި ސީދާ ޖަވާބެކެވެ. ޖަޒުބާތުތަކުން ނޫން، އުސޫލުތަކުން މަގުދައްކައިގެންނެވެ،" ހައިކޮމިޝަނަރު ވިދާޅުވިއެވެ. އަމިއްލަ ދިފާއުގައި ޕާކިސްތާނުން ދިން ވަރުގަދަ ރައްދު ދައްކުވައިދިނީ އެގައުމުގެ އަސްކަރީ ގާބިލުކަމާއި ރައްޔިތުންގެ ގައުމީ އަޒުމް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 'އޮޕަރޭޝަން ބުނިއަން އުމް މާސޫސް' މެދުވެރިކޮށް ޕާކިސްތާނުގެ ސިފައިން ހޯދި ކާމިޔާބީއަކީ ފީލްޑް މާޝަލް ސައިދު އާސިމް މުނީރުގެ ދުރުވިސްނޭ ލީޑަރޝިޕްގެ ނަތީޖާކަން ފާހަގަކުރައްވައި، ގައުމަށްޓަކައި ޝަހީދުވި ބަތަލުންގެ ޒިކުރާ އައުކުރެއްވިއެވެ. މި ހަމަނުޖެހުންތަކަށްފަހު ޕާކިސްތާން ދުނިޔޭގެ ކުރިމަތީގައި ފާހަގަވެގެން ދިޔައީ އިހުތިރާމް ލިބިގެންވާ އަދި ޒިންމާދާރު ދައުލަތެއްގެ ގޮތުގައި ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވަމުން، ދެ ގައުމުގެ ދެމެދުގައި އޮތީ އެއް އަގީދާއަކާއި، ސަގާފަތެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ މިހާރުގެ ސަރުކާރުތަކުގެ ދަށުން މި އެއްބާރުލުން އިތުރަށް ފުޅާވެ، ހެޔޮ މިސްރާބަކަށް ދަތުރުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފަލަސްތީނާއި ކަޝްމީރުގެ ރައްޔިތުންނަށް އދ. މެދުވެރިކޮށް އިންސާފު ހޯދައިދިނުމަށް ޕާކިސްތާނުން ކުރާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެޗްސީ ދެއްވިއެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ޕާކިސްތާނަށާއި އެ ގައުމުގެ އަސްކަރިއްޔާއަށް ކާމިޔާބީއަށް އެދި ގޮވާލި ޝިއާރުތަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved