
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިންތިޒާމުކޮށްފައިވާ ގޮތާމެދު އީރާނު ގައުމީ ޓީމުގެ ކެޕްޓަން މެހްދީ ތަރެމީ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އީރާނުން ކުޅުނު އެންމެ ފަހު މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ތަރެމީ ވަނީ، މި މުބާރާތަކީ "މުސީބާތެއްފަދަ ވޯލްޑް ކަޕެއްގެ" ގޮތުގައި ސިފަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އީރާނު ޓީމަށް ކުރިމަތިވި ގޮންޖެހުންތައް ފުޓްބޯޅައިގެ ދާއިރާއަށްވުރެ މާ ބޮޑަށް ބޭރަށް ނުކުމެފައިވާ ކަމަށެވެ. ޚާއްޞަކޮށް މުބާރާތުގެ ލޮޖިސްޓިކްސް ކަންކަން ހުރި ގޮތުން ކުޅުންތެރިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުކަން އޭނާ ފާހަގަކުރިއެވެ.
މި މުބާރާތުގައި އީރާނަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. އޭގެ ތެރޭގައި ވިސާ ލިބުން ލަސްވުމާއި، ސެކިއުރިޓީ ޗެކްތައް އާދަޔާޚިލާފަށް ގިނަވުމުގެ އިތުރުން، ދަތުރުފަތުރުގެ ކަންކަން ހަމަޖެހިފައިވާ ގޮތުން ކުރިމަތިވި ގޮންޖެހުންތައް ހިމެނެއެވެ. މިގޮތުން އިރާން ޓީމްގެ ހުރިހާ މެޗްތަކެއް އެމެރިކާގައި އޮތް އިރު އިރާން ޓީމް މަޑުކުރަން ޖެހުނީ މެކްސިކޯގައެވެ. ކޮންމެ މެޗަކަށް އެމެރިކާއަށް ދަތުރުކުރުމަށްފަހު މެޗް ނިމުމާއި އެކު ވަގުތުން އެމެރިކާއަށް ބޭރުވާން ޖެހެއެވެ.
މީގެ އިތުރުން ޖިއޮޕޮލިޓިކަލް މައްސަލަތަކުގެ ސަބަބުން ދަނޑުން ބޭރުގައި ކުޅުންތެރިންނަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައެއް މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އީރާނު ޓީމުން ބުނަމުންދަނީ ގިނަ ކަންތައްތަކެއް އަދިވެސް ހުރީ އިސްލާހު ނުކުރެވި ކަމަށެވެ.
ތަރެމީ އިތުރަށް ބުނީ، އީރާނު ޓީމުން އެމެރިކާއަށް އައީ ހުރިހާ އެންމެންނަށް އިހުތިރާމްކޮށް، ފުޓްބޯޅަ ކުޅުމުގެ މަގުސަދުގައި ކަމަށެވެ. އަދި ބޭރުގެ ސިޔާސީ މައްސަލަތަކުގެ ސަބަބުން ކުޅުންތެރިން ކުރާ ގުރުބާނީތަކަށް ހިޔަނި އެޅިގެން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން، ދަނޑުން ނުކުތުމުގެ ކުރިން އީރާނުގެ ކުޅުންތެރިން ވަނީ ޑްރެސިން ރޫމްގައި އަތުން ލިޔެފައިވާ ވަރަށް ޖަޒުބާތީ މެސެޖެއް ދޫކޮށްލާފައެވެ. އެ ނޯޓުގައި ލިޔެފައިވަނީ، "އަހަރެމެން މިއީ އީރާނުން އައި މީހުން. 80 އަހަރުގެ ދެކޮޅުވެރިކަމާއި، ކާމިޔާބީއަށްވުރެ ޝަރަފުވެރިކަމާއި، އަރާމަށްވުރެ ބޮޑަށް ގުރުބާނީ ފެނިފައިވާ ބިމަކުން އައި ބައެއް" ކަމަށެވެ. އެމެރިކާގެ ރައްޔިތުން ފޯރުކޮށްދިން މެހެމާންދާރީއަށް ޝުކުރު އަދާކުރަމުން، އެ ޓީމުން ވަނީ ފަލަސްތީނު، ލުބުނާން، ސީރިއާ، އަލްޖީރިއާ، ކިއުބާ، އަޒަރުބައިޖާން، ކްރޮއޭޝިއާ އަދި އުޒްބެކިސްތާން ފަދަ ގައުމުތަކަށް ސުލްހައާއި ބާއްޖަވެރިކަމަށް އެދިފައެވެ. އެ މެސެޖު ނިންމާލާފައިވަނީ "އީރާން، އަބަދުވެސް މިނިވަންކަންމަތީ" އޮތުމަށް އެދި، ކެތްތެރިކަމާއި ހިތްވަރުގެ ބާރުގަދަ ބަސްތަކުންނެވެ. ސޯޝަލް މީޑިއާގައި މި ނޯޓު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ގިނަ ބަޔަކު ދަނީ މުބާރާތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް "ޓީމް މެލީ" އިން ދެއްކި އެއްބައިވަންތަކަމާއި ރޫހަށް ސަނާ ކިޔަމުންނެވެ.
މިފަދަ ދަތި ހާލަތްތަކުގައިވެސް އީރާނުން ދެއްކި ހިތްވަރާއި ކެތްތެރިކަމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ނަމަވެސް ތަރެމީގެ މި ވާހަކަތަކާއެކު، ކުރިއަށް އޮތް ވޯލްޑް ކަޕްތަކުގައި ހުރިހާ ގައުމުތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭތޯ ކަށަވަރުކުރުމުގެ ބަހުސް ވަނީ އަލުން ފެށިފައެވެ.










