ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ރާއްޖޭގެ ރޭޓިން މިއަހަރުގެ ތެރޭ ދެ ވަނަ ފަހަރަށް ދަށްކޮށްފިއެވެ.
ފިޗުން ވަނީ، ތިންމަސް ދުވަސް ތެރޭ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައެވެ. ރޭޓިން ދަށް ކުރި ސަބަބެއް ކަމުގައި ފިޗުން ހާމަކޮށްފައިވަނީ ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑުވުމުންނެވެ.
އެގޮތުން ކުރިން ފަހަރެކޭ އެއް ފަދައިން ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފިޗުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ ކަމާ އޭގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީ ކަން ވެސް ފިޗުން ވަނީ ފާހަގަކޮށްފައެވެ.
މިއާ ގުޅިގެން ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ކަޅު ބާޒާރާއި) ރަސްމީ ރިޒާވަށް ވެސް ޕްރެޝަރުތައް އިތުރުވެ، ބޭންކިން ނިޒާމަށް ވެސް މީގެ ނުރަނގަޅު އަސަރުކޮށްފައިވާ ފިޗުގެ ރޭޓިން ރިޕޯޓުގައިވެއެވެ.
މިއީ ބީއެމްއެލްއިން މި ފަހުން ނިންމި ނިންމުމާ ގުޅުވާ ފިޗުން ނެގި ނުކުތާއެއް ކަމަށް ބެލެވެއެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަން ވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ފާހަގަކުރި ގޮތުގައި މިކަމަށް މެދު ރާސްތާގައި އޮތް ތަސައްލީއަކީ ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުމެވެ. މިކަން ނުކުރެވޭ ހާލަތުގައި ދެން އޮންނާނީ އައިއެމްއެފް އާއި އެހެން މަލްޓިލެޓަރަލް އެހީދޭ ޖަމިއްޔާތަކާއެކީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
އެންމެ ފަހުން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ. މިއަދު ދަށްކުރީ "ސީސީ" އަށެވެ. މިއީ މިހާ ކައިރިކައިރީގައި ޑައުންވާޑް ރޭޓިން ރިވިޝަނެއް ގެނައި ފުރަތަމަ ފަހަރެވެ.
އާންމުކޮށް ފިޗުން ރޭޓިންއަށް ބަދަލުގެންނަނީ ނޫނީ "ރޭޓިން ރިވިޝަން" ގެންނަނީ އަހަރަކު އެއް ފަހަރެވެ.
ރާއްޖޭގެ ރޭޓިން މިހާރު އޮތް މިންވަރަށް، ކޮވިޑުގެ ދުވަސްވަރު މިހާ ދަށުން ރާއްޖެ ރޭޓު ކޮށްފައި ނުވެއެވެ. އެ އަހަރުގެ ކުރީކޮޅު މާޗު 2020 ގައި ރާއްޖެއަށް ދިނީ "ބީ ނެގެޓިވް" ރޭޓިންއެކެވެ. އޭގެ ފަހުން ނޮވެމްބަރު 2020 ގައި ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރިއެވެ.
އޭގެ ފަހުން 2021, 2022, އަދި 2023 ގައި ވެސް ރޭޓިން ހުރީ "ބީ ނެގެޓިވް" ގަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ރޭޓިން ހުރީ އެވަރުގައެވެ.
ރާއްޖޭގެ ރޭޓިންއަކީ މިވަގުތު މާލީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ބައެއް ގައުމުތަކާ އެއްވަރު އަދި ބައެއް ގައުމުތަކަށް ވުރެ ދަށް ރޭޓިންއެކެވެ.