ޕާކިސްތާނުގެ ޖަލުން ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މިނިވަން ކުރުން ލަސް ކުރާ ކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާގައި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ޕާކިސްތާނުގެ އެކި ސަރަހައްދުތަކުން އިމްރާން ހާނަށް ތާއިދުކުރާ ފަރާތްތަކުން ވަނީ މުޒާހަރާތައް ފަށައި، ވެރިރަށް އިސްލާމްއާބާދަށް މިސްރާބު ޖަހައިފަ އެވެ. އެ މީހުން އިސްލާމްއާބާދަށް ވަނުން ހުއްޓުވުމަށް ޓަކައި ފުލުހުން ވަނީ ބެރިކޭޑު ޖަހައި، އެ ސިޓީގައި އެއްވުންތައް ބޭއްވުން ދެ މަހަށް މަނާކޮށްފަ އެވެ.
ނަމަވެސް އިއްޔެ އެ މުޒާހަރާތަކުގެ ބައިވެރިން ވަނީ އިސްލާމްއާބަދަށް ވަދެގަނެފަ އެވެ. ވެރިރަށް ބަންދުކޮށްފައި ވަނިކޮށް، ވެރިރަށަށް އެއްވަން މަސައްކަތް ކުރި އިމްރާނަށް ތާއީދު ކުރާ 5000އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ޖަލަށް ލާފައިވާ އިމްރާން ޚާންގެ މަނާކޮށްފައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ވެރިރަށް އިސްލާމްއާބާދުގެ މައި ސަރަހައްދުތަކަށް ވަނުން ހުއްޓުވަން ފުލުހުން އަންނަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ވެސް ބޭނުން ކުރަމުން ނެވެ.
އިމްރާން ހާން ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އޭނާގެ މައްޗަށް ޖިނާއީ 150އަށް ވުރެ ގިނަ ދައުވާ ވަނީ އުފުލައިފަ އެވެ. ނަމަވެސް ގިނަ ބައެއްގެ މެދުގައި އޭނާ ވަރަށް މަގްބޫލެވެ. އެ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގާފައިވާ މައްސަލަތަކެއް ކަމަށް އޭނާގެ ޕާޓީން ވަނީ ސިފަކޮށްފަ އެވެ. އިމްރާން އަބަދުވެސް ވިދާޅުވަނީ މި ހުރިހާ ކަމެއް ގުޅިފައިވަނީ އޭނާ ވެރިކަމުން ދުރުކުރުމާއި އަލުން އެނބުރި ވެރިކަމަށް އަޔަ ނުދިނުމާ ކަމަށެވެ.
ދެހާސް އަށާރައިން 2022 ވަނަ އަހަރާ ދެމެދު ވެރިކަމުގައި ހުންނެވިއިރު ލިބިވަޑައިގަތް ހަދިޔާތަކަކުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރެއްވުމުގެ ކުށް ސާބިތުވެ، އިމްރާން ހާން ތިން އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހެވެ. އެ ހުކުމަށް ކަފާލާތުގެ ދަށުން މިނިވަން ވީ ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިތުރު ޝަރީއަތްތަކެއް ކުރިއަށްދާތީ، އަދިވެސް ހުންނަވަން ޖެހެނީ ޖަލުގަ އެވެ.
މީގެ ކުރިން މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުން ވަނީ ސަލާމަތީ ކަންކަން ހުރި ސަރަހައްދުތަކުގައި މޯބައިލް އަދި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.
އޭނާ މިނިވަންކުރަން ގޮވާލައި ސަޕޯޓަރުން ކުރާ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުރަސްއަޅަމުންދާތީ، މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.