
މިއަދަކީ ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ބޭފުޅުން ވަކިކޮށް ގިނަ ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރި ދުވަހަކަށް ވެއްޖެއެވެ.
އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް)ގެ ބޯޑުގައި އިންނެވި ކަނބަލަކާ، އެމްޕީއެލް ބޯޑުގައި އިންނެވި ކަނބަލަކު ވަނީ ވަކިކޮށްފައެވެ. ވިޒިޓު މޯލްޑިވްސް ކޯޕަރޭޝަން ބޯޑުން ވަކިކޮށްފައިވަނީ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި މ. ވާރޭވިލާ، ޢާއިޝަތު ޢަލީ އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުގެ މަގާމުން ޢާއިޝަތު ޢަލީ ވަކިކުރަން ނިންމައި، އެ ނިންމުމަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައި ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.
އެމްޕީއެލްގެ ބޯޑުން ވަކިކޮށްފައިވަނީ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ އާމިނަތު ރައިޝަމްއެވެ. ޕީސީބީއިން މިއަދު ބުނީ، އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމުން އާމިނަތު ރައިޝަމް ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
މިއާއެކު މިއަދު ބައެއް ކުންފުނިތަކުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ވެސް ކޮށްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރޕާސަންގެ މަޤާމަށާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އައްޔަނު ކުރަށްވާފައިވަނީ ދަޕްތަރު ނަންބަރު ރސ 14819، ސަޢާދާ އިބްރާހިމް ވަނީ އައްޔަންކޮށްފައެވެ.
ހަމައެހެންމެ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ސ.ހިތަދޫ، ވެލްކަމްވިލާ އަލްފާޟިލާ ޝެރީނާ ޞާލިޙް، 24 ޖޫން 2026 އިން ފެށިގެން ވަނީ އައްޔަނުކޮށްފައެވެ. މިއާ އެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ސ.ހުޅުދޫ، ރިވަރސައިޑު އަލްފާޟިލް އަޙްމަދު ނާޞިފު، 24 ޖޫން 2026 އިން ފެށިގެން އައްޔަންކޮށްފައިވެއެވެ.
މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް (ބޭންކިންގ ދާއިރާ) ޒައިނާ ޢަބްދުﷲ، އަމާޒް / ގއ. ދާންދޫ، ވަނީ އައްޔަންކޮށްފައެވެ.










