theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
‎ހަމަލާތައް ހުއްޓާލަން ސަހްޔޫނީންނާއި ޣައްޒާއިން އެއްބަސްވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
09 އޮކްޓޯބަރު 2025
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ސަހްޔޫނީންނާއި ހަމާސް އިން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އޭނާގެ މީސް މީޑިއާ ޕްލެޓްފޯމް "ޓުރޫތު" ގައި އިއުލާން ކުރެއްވި ގޮތުގައި ސަހްޔޫނީންނާއި ހަމާސް އިން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ޕްލޭންގައި ސޮއިކޮށްފައެވެ. މި ޕްލޭން ދެ ފަރާތަށް ހުށަހަޅާފައިވަނީ ޓްރަމްޕެވެ.

ހަމާސްއާއި ސަހްޔޫނީންނާއި ވެސް ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ކުރިއަށްގެންދަން ފެށިކަން ހާމަކޮށްފައެވެ.

މި އެއްބަސްވުމާ އެކު ޣައްޒާއިން އ ސަހްޔޫނީންގެސިފައިން ފައިބާނެއެވެ. އަދި، އެމީހުންގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރާނެ ކަމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފައެވެ.

ޓްރަމްޕް ބޭނުންފުޅުވަނީ ފަލަސްތީނުގައި އާ ސަރުކާރެއް އެކުލަވާލައި، އެއީ ހަމާސްގެ ބެރިވެރިވުން ނެތް ތަނަކަށް ހަދާށެވެ. އެ ފަދަ މިނިވަން ފަލަސްތީނެއް އެމެރިކާއިން ބަލައިގަނެ، އެ ކަމުގައި އެހީވާނެއެވެ. އެހެންވެ، ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުން ވެސް ޓްރަމްޕްގެ ހުށަހެޅުއްވުމުގައިވެއެވެ.

މިއީ މި ހަނގުރާމައަށް އަންގާރަ ދުވަހު ދެ އަހަރު ފުރުންއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޓްރަމްޕްގެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، ޖެހިގެން އަންނަ 72 ގަޑިއިރު ތެރޭ ހަމާސްއިން ސަހްޔޫނީންގެ ރަހީނުން މިނިވަންކުރަންޖެހެއެވެ. އަދި، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި ސަހްޔޫނީންގެ ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުން ހިމެނެއެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ހަމާސްއިން އެމީހުންގެ 20 މީހުން މިނިވަންކުރުމުން ބަދަލުގައި ސަހްޔޫނީން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަން ކުރަންޖެހެއެވެ.

ހަމާސްއިން ރަހީނުން މިނިވަންކުރަނީ ސަހްޔޫނީނުން އުމުރަށް ޖަލަށް ލާފައިވާ، ފަލަސްތީނުގެ 250 މީހުންނާއި އިތުރު 1،700 މީހުން އަދި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އެންމެން ދޫކުރުމުގެ ބަދަލުގައެވެ.

އެ ހުށަހެޅުމުގެ ދަށުން ހަމާސްއިން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށާއި އެމެރިކާއިން އަރަބި އަދި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން "ވަގުތީ ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސް"އެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެއެވެ.

ޣައްޒާގައި ގަތުލުއާންމުތައް ހިންގާތާ ދެ އަހަރުވެފައިވާ އިރު، އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އައިއިރު، ޣައްޒާ އިން ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 167،000 އަށް ވުރެ މައްޗަށް އަރައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved