
ރާއްޖޭގެ ޖަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއް ގަންނަން ލިބޭ އަގު ދުވަހަކުވެސް މައޗަށް ނުދާ މިންވަރަކަށް މައްޗަށް ގޮސްފިއެވެ.
އެގޮތުން ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް އުފުލި، މިހާރު ޑޮލަރެއްގެ އަގު ހުރީ 20.50 ރުފިޔާއަށް އަށެވެ. މިއީ އާލަމީ ވަބާ ކޮވިޑުގެ ދުވަސްވަރު މުޅި ދުނިޔެ އިގްތިސޯދީ ކާރިސާއާ ކުރިމަތިލީއިރުވެސް ކުޑަ ދުވަސްކޮޅަކަށް އެ އަގުގައި ހުރި ނަމަވެސް އޭގެ ފަހުން ޑޮލަރުގެ އަގު ނުއުފުލޭ މިންވަރަކަށް މަތި އަދަދެކެވެ.
ޑޮލަރުގެ އަގު މި މިންވަރަށް އުފުލުނީ ޑޮލަރު ރޭޓު 20ރ. އަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ފަހުންނެނެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި، މިހާރު ރެކޯޑު މިންވަރަކަށް ޑޮލަރުގެ އަގު މައްޗަށް އުފުލުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތެވެ.
ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދަށްވުމާއި، ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ޑޮލަރުން މުސާރަ ނުލިބުމުގެ ސަބަބުން ޑޮލަރުގެ ސަޕްލައި ވަރަށް ބޮޑަށް ދަށްވެ، ބޭންކުތަކުން ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު ދަށްވުމުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ދަނީ އުފެލުމުން ކަމަށްވާއިރު، އެންމެ ބިރުބޮޑުވެކަންބޮޑުވާން ޖެހެނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ނުބެލެވޭތީއެވެ.
މެދުއިރުމަތީގެ ދަތުރުތައް ފަސޭހަވުމާއެކު މުދާ އެތެރެކުރުން އިތުރުވުމާ އެކު ޑޮލަރުގެ ޑިމާންޑު މަތިވެ އަގު ވެސް އުފުލޭނެއިރު، ޑޮލަރުގެ އަގަށް ދެން ބަދަލެއް އައިސް ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ އޯގަސްޓު މަހު ހިސާބުގައެވެ.
ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 20ރ. އިން މަތީގައެވެ.










