
ހައްދުފަހަނައަޅާފައިވާ ސަހްޔޫނީ ސަރުކާރުގެ ސަލާމަތީ ކެބިނެޓުން، ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް އިތުރަށް ވަރުގަދަކޮށް، ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ބޮޑެތި ނިންމުންތަކެއް ދާދިފަހުން ނިންމައިފިއެވެ.
މި ނިންމުމަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ މިނިވަންކަން ނައްތާލުމަށް ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މި ފިޔަވަޅުތަކުގެ ދަށުން ހުޅަނގު އައްސޭރީގައި ސަހްޔޫނީންގެ ބާރުތައް ފުޅާކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހަދާފައިވާ އާބާދީތައް އިތުރަށް ބޮޑުކުރުމަށް ވަނީ މަގުފަހިކޮށްފައެވެ.
މި ހަރަކާތްތަކަކީ ހަމައެކަނި ހުޅަނގު އައްސޭރިއަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫނެވެ. މިއީ ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނަގައި، މުޅި ފަލަސްތީނުގެ ބިންތަކުން އެ ގައުމުގެ އަސްލު ވަޒަންވެރިން ބޭރުކޮށްލުމަށް ސަހްޔޫނީން ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ. ސަހްޔޫނީން މި ފިޔަވަޅުތައް އެޅީ ފަލަސްތީނުގެ ދައުލަތެއް އުފެދުމަށް އޮތް ކޮންމެ ފުރުސަތެއް ހަނިކޮށް، އެ ސަރަހައްދުގައި އެމީހުންގެ އަނިޔާވެރި ވެރިކަން ދެމެހެއްޓުމުގެ ނުބައި މަގުސަދާ އެކުގައެވެ.
ދުނިޔޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް ކުޑަކޮށްވެސް އިހުތިރާމެއް ނެތި ސަހްޔޫނީން ކުރިއަށްގެންދާ މި އުދުވާނަކީ މުޅި އިސްލާމީ އުންމަތާއި ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ފިނޑި އަމަލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން މިހާރު ވަނީ ނުރައްކަލުގެ ތެރޭގައެވެ.










