

ޕާކިސްތާނަށް އެމެރިކާގެ އެންމެ ބޮޑު ޑިފެންސް ކޮންޓްރެކްޓަރު އަދި އިންޑަސްޓްރިއަލް ކޯޕަރޭޝަން ކަމަށްވާ ރޭތިއަންއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޒަމާނީ މިސައިލްތަކެއް ފޯރުކޮށްދޭން އެމެރިކާއިން ތައްޔާރުވެއްޖެއެވެ.
އެމެރިކާއިން އުފައްދާފައިވާ ޒަމާނީ މިސައިލްތައް ލިބުމަށް ޕާކިސްތާނުން ތައްޔާރުވެފައިވާއިރު، މިއީ މުޅި ދެކުނު އޭޝިއާގައި ބޮޑެތި ބަހުސްތަކެއް ފެށިފައިވާ މައުޟޫއަކަށް ވަނީ ވެފައެވެ. އެމެރިކާގެ އޮފިޝަލުން ދާދިފަހުން ކަށަވަރުކޮށްދިން ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ ސަރަހައްދީ ސަލާމަތީ ކަންބޮޑުވުންތަކުގެ ތެރޭގައި ޕާކިސްތާނުގެ ވައިގެ ދިފާއީ ނިޒާމުތައް ޒަމާނީ ކުރުމަށް އެހީތެރިވުމެވެ.
ޕާކިސްތާނުގެ ޑިފެންސް އެނަލިސްޓް ޒުނައިރާ އަޒްހަރު، އޭނާގެ އެންމެ ފަހުގެ ރިޕޯޓުގައި އަލިއަޅުވާލާފައިވާ ގޮތުގައި ވޮޝިންޓަނުގެ މި ޑީލަކީ ހަމައެކަނި "މަރާމާތުކޮށް އާކުރުމުގެ" ކޮންޓްރެކްޓެއް ޑީލެއް ނޫން ކަމަށާއި މިއީ ޕާކިސްތާނުގެ ސްޓްރެޓެޖިކް މުހިންމުކަން އެމެރިކާއިން ގަބޫލުކުރާކަން ދައްކުވައިދޭ އެއްބަސްވުމެއް ކަމަށެވެ.
ޕާކިސްތާނުގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ ނިއުކްލިއަރ ހަތިޔާރު ފުޅާކުރަމުންދާއިރު، އިންޑިއާގެ އެސް-400 ފަދަ ވަރުގަދަ ދިފާއީ ނިޒާމުތައް ޕާކިސްތާނަށްވެސް ބޭނުންވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާއިން ސަހްޔޫނީން އުފައްދާ ބައެއް ހަތިޔާރު ބޭނުން ކުރާއިރު، އޭގެ ތެރޭގައި ބަރަކް-8 މިސައިލް، ފަލްކޮން ރާޑަރު ސިސްޓަމް، ހެރޮން ޑްރޯން، އަދި ސްޕައިކް އެންޓި ޓެންކް މިސައިލް ހިމެނެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ އާއި ސަހްޔޫނީންނާއި ދެމެދު އޮންނަ މި އަސްކަރީ ގުޅުމަކީ ހާއްސަކޮށް މުސްލިމް ގައުމުތަކާ މެދު ދެގައުމުންވެސް ހިއްސާކުރާ ޢަދާވާތްތެރިކަމަށް ބަލާއިރު ކަންބޮޑުވާންޖެހޭ ބިރުވެރި ގުޅުމެެއް ކަމަށެވެ.
މީގެ އިތުރުން، ޕާކިސްތާނާއި ޗައިނާގެ ގުޅުން ގާތްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އެހީ ބަލައިގަތުމުން ޕާކިސްތާން-ޗައިނާގެ ޚާރިޖީ ގުޅުމަށް ބުރޫ އަރާފާނެ ކަމުގެ ބިރާއި ކަންބޮޑުވުން އޮތް ކަމަށްވެސް މި ފަރާތްތަކުން ބުނެއެވެ.
އެމެރިކާއިން ގިނަ ފަހަރަށް ހަތިޔާރުގެ ވިޔަފާރިކުރަނީ ޖިއޮޕޮލިޓިކަލް ޓޫލެއްގެ ގޮތުގައި ބޭނުންކޮށް، ސްޓްރެޓެޖިކް ބެލެންސް ހޯދުމުގެ ބޭނުމުގައިކަން ތާރީޚަށް ބަލާއިރު ފާހަގަކުރެވެއެވެ.