
އިންސްޓަގްރާމްގެ ސީދާ މެސެޖުތައް ނުވަތަ ޑީއެމްތަކުގައި ބޭނުންކުރާ "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" ސެކިއުރިޓީ ފީޗާ، މެޓާ ކުންފުނިން އުވާލަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ދާދި ފަހުން ވައިރަލްވި ޕޯސްޓެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އިންސްޓަގްރާމްގެ މެސެޖުތަކުން އެންކްރިޕްޝަން ނައްތާލުމަށް މެޓާއިން ރާވަމުންދާ ކަމަށެވެ. އެންޑް-ޓު-އެންޑް އެންކްރިޕްޝަނަކީ މެސެޖު ފޮނުވާ މީހާއާއި ލިބޭ މީހާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް، އޭގެ ތެރޭގައި އެ ޚިދުމަތްދޭ ކުންފުންޏަށްވެސް، މެސެޖުތައް ނުކިޔޭ ގޮތަށް ހަދާފައިވާ ރައްކާތެރި ނިޒާމެކެވެ.
އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، މި ނިޒާމު އުވާލުމުން މެޓާ ކުންފުންޏަށް ޔޫޒަރުންގެ މެސެޖުތައް ބަލައި ސްކޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ބަދަލު ގެނައުމުގެ ކުރިން އަމިއްލަ މެސެޖުތަކުގެ ބެކަޕް ނެގުމަށް ނުވަތަ ޑައުންލޯޑް ކުރުމަށްވެސް އެ ޕޯސްޓުގައި ލަފާދީފައިވެއެވެ.
މި ޚަބަރާއެކު ޑޭޓާ ޕްރޮޓެކްޝަނަށް ވަކާލާތުކުރާ ފަރާތްތަކުން އިންޒާރު ދެނީ، މިފަދަ ފިޔަވަޅެއް އަޅައިފިނަމަ ޔޫޒަރުންގެ ޕްރައިވެސީއާއި ސިއްރުތައް ހިމާޔަތްކުރުމަށް އޮތް ބާރު ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އިންސްޓަގްރާމްގެ ބަދަލުގައި މިހާރުވެސް ޑިފޯލްޓްކޮށް އެންކްރިޕްޝަން ބޭނުންކުރާ ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތަކަށް ބަދަލުވުމަށް ބައެއް ފަރާތްތަކުން އަންނަނީ ބާރުއަޅަމުންނެވެ.
ނަމަވެސް، މެޓާއިން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނީގެ ހުރިހާ މެސެޖިން ޕްލެޓްފޯމްތަކެއްގައިވެސް ޕްރައިވެސީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.










