April 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޣައްޒާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ތިން ބޭފުޅަކު އެކްސިޑެންޓްވެ އަވަހާރަވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 12, 2025, 03:32 PM
މާލެ ސިޓީ

ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނައުމާ ގުޅޭ ގޮތުން މިސްރުގެ ޝަރްމުއް ޝެއިޚްގައި މާދަމާ ފަށާ ބައިނަލްއަގުވާމީ ސަމިޓަށް ވަޑައިގެންނެވި ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ ކަމަށް މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

Advertisement

ގަތަރުގެ ވަފުދު ގޮވައިގެން ދިޔަ ކާރު ދެކުނު ސައިނާއީގައި އެކްސިޑެންޓުވުމުގެ ސަބަބުން އިތުރު ދެ ޑިޕްލޮމެޓަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ގަތަރުގެ ފަސް ބޭފުޅަކު ތިއްބެވި އެވެ. ވެހިކަލް ދުއްވަން އިނީ މިސްރު މީހެއް ކަމަށާއި އެކްސިޑެންޓުވީ ހުންގާނުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް ބުނެފައިވެ އެވެ.

އަވަހާރަވި ބޭފުޅުންނާއި ޒަހަމްވެފައިވާ ބޭފުޅުން ގަތަރުގެ މަތިންދާބޯޓެއްގައި ގައުމަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މިސްރުގެ ރައީސް އަބްދުއްފައްތާހް އަލް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ސަމިޓުގައި ވިއްސަކަށް ގައުމުގެ ބައިވެރިވުމާ އެކު މި ފަށަނީ ޣައްޒާގައި ދެ އަހަރު ވަންދެން އިޒްރޭލުން ދިން ހަމަލާތައް މެދުކަނޑާލައި އިޒްރޭލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ތައްޔާރުވަމުންދާ ވަގުތު އެވެ.

ހަމާސްއިން ވަނީ ސަމިޓުގެ ކުރިން ހުރިހާ އަސީރުން މިނިވަންކުރާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved