April 15, 2026
Advertisement
-
- / އަލްޖަޒީރާ

‎ޣައްޒާގެ އެންމެ ވަރުގަދަ އެއް އަޑު ސަލާޙް ޝަހީދުކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 13, 2025, 02:35 PM
މާލެ ސިޓީ

ޣައްޒާއަށް މިއަދު އިރުއަރައިގެން ދިޔައީ ހިތްދަތިކަމާއި ވޭނުން ފުރިގެންވީ ދުވަހަކަށެވެ. ދިގު ދެ އަހަރުގެ އަނިޔާވެރި ހަނގުރާމައަށް ފަހު މިނިވަންކަމަށް ޣައްޒާ ފެށި ދަތުރާއި އެކު އަޑު އިވިގެން ދިޔައީ ޣައްޒާގެ އެންމެ ހިތްވަރުގަދަ އެއް "އަޑު" އަބަދަށް ކެނޑިގެންދިޔަ ޚަބަރާއި އެކުގައެވެ.

Advertisement

ފާއިތުވި ދުވަސްތަކުގައި ސަހްޔޫނީންނަށް ތާއިދު ކުރާ ގޭންގެއް ކަމަށްވާ "ޑޭޝްމޭޝް ކްލޭން" އާއި ހަމާސް ޖަމާއަތުގެ ޤައްސާމް ބްރިގޭޑާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި ޣައްޒާގެ މަޝްހޫރު ފޮޓޯ ނޫސްވެރިޔާ ސަލާހް އަލް ޖާފްރާވީ ރަހީނުކޮށް ވަނީ ބަޑިން ހަމަލާދީ ޝަހީދުކޮށްލާފައެވެ.

އޭނާއަކީ ހަމައެކަނި ނޫސްވެރިއެއް ނޫނެވެ. އޭނާއަކީ ޣައްޒާ ރައްޔިތުންގެ ހިތުގެ ތެޅުމެކެވެ. އޭނާގެ ކެމެރާއިން ފާއިތުވި ދެ އަހަރު ޣައްޒާގެ ރައްޔިތުން އުޅެމުންދިޔަ ބިރުވެރިކަމާއި އަނިޔާވެރިކަން ބައިނަލްއަޤްވާމީ ލޯތަކަށް އޭނާ ގެނެސްދިނެވެ. އެ ކެމެރާއިން ސަލާހް ނެގީ ހަމައެކަނި ތަސްވީރުތަކެއް ނޫނެވެ. ސަލާހްވަނީ ޣައްޒާ ރައްޔިތުންގެ ވޭނުގެ އިތުރުން އެމީހުންގެ ހިތްވަރާއި، ކެރުންތެރިކަމާއި އީމާންތެރިކަމާއި ނުގުޑާނެ އަޒުމާއި ރޫޙު މުޅި ދުނިޔެއަށް ދައްކުވާދީފައެވެ. މިއަދު ސަލާހް ވަކިވެ އެ ދިޔައީ  ކޮންމެ ބޮމެއް ގޮއްވާލުމެއްގެ ތެރެއިން، ކޮންމެ ހަޅޭކެއްގެ ތެރެއިން، ހަލަބޮލިކަމުގެ ކޮންމެ ހިނދުކޮޅެއްގެ ތެރެއިން، ދުނިޔެއަށް ހަގީގަތް ދެއްކުމުގެ ތެރޭގައެވެ.

ހަނގުރާމަ ހުއްޓާލުމާއެކު އާ އުއްމީދުތަކާއި އެކު ކުރިއަށް ދިޔުމަށް ހުރި ސަލާހް ސަހްޔޫނީންގެ ޖަމާއަތެއްގެ ޝިކާރައަށްވެގެން އެ ދިޔައީ ޣައްޒާގެ އަލިކަން އަނެއްކާވެސް ފަނޑުކޮށްލާފައެވެ.

ޣައްޒާގައި ހުންނަ އިންޓީރިއާ މިނިސްޓްރީން ހާމަކުރި ގޮތުގައި ސަހްޔޫނީންނަށް ތާއީދުކުރާ އެ ގޭންގުން ދިޔައީ ފަލަސްތީނުގެ ޣައްޒާސިޓީއަށް އަނބުރާދިޔަ ރައްޔިތުންނަށް ވެސް ހަމަލާތައް ދެމުންނެވެ.

އެ ހަމަލާއާއި ގުޅިގެން މިނިސްޓްރީން ވަނީ އެ ގޭންގަށް ނިސްބަތްވާ އެންމެން ވެސް އަމާންދިނުމަށް ހަފްތާއެއްގެ މުހުލަތެއް ދީފައެވެ. ނަމަވެސް އަމާން ދިނުމުގެ ބަދަލުގައި އެ ގޭންގުން ވަނީ ސަބްރާ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާފައެވެ

ޣައްޒާއަށް ގެއްލިގެން ދިޔައީ އެމީހުންގެ އެންމެ އަޑުގަދަ އެއް އަޑެވެ. ނަމަވެސް ޝަހީދުވެގެން ދިޔައީ ޣައްޒާ ރައްޔިތުން އަބަދުވެސް ސަލާހްގެ މަސައްކަތް ބަލައިގަނެ ހަނދާންކުރާނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved