April 17, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ސަހްޔޫނީން ޣައްޒާއަށް އެހީ ވަނުން މަދުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 15, 2025, 08:24 PM

ސަހްޔޫނީން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ވަރަށް ބޮޑަށް މަދުކޮށް، ރަފާހް ކްރޮސިން ނުހުޅުވާނެ ކަމަށް ބުނެފިއެވެ.

Advertisement

ސަހްޔޫނީން އދ. އަށް ބުނީ މިއަދުން ފެށިގެން ޣައްޒާއަށް ވަންނަން ހުއްދަ ދޭނީ ދުވާލަކު 300 އެހީ ޓްރަކް ކަމަށެވެ. މިއީ ޣައްޒާއަށް ދުވާލަކު ވައްދަން އެއްބަސްވެފައިވާ މިންވަރަށް ވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ.

ޣައްޒާގައި ހުންނަ އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) ގެ ތަރުޖަމާން އޮލްގާ ޗެރެވްކޯ ވިދާޅުވީ، ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަހްޔޫނީންގެ އަސްކަރިއްޔާގެ ގޮފި ކަމަށްވާ ކޯޑިނޭޝަން އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް (ކޯގަޓް) އިން އދ. އަށް ނޯޓެއް ލިބިފައިވާ ކަމަށެވެ.

ކޯގަޓްގެ ނޯޓުގައި ބުނެފައި ވަނީ އިންސާނީ އުމްރާނީ ތަރައްގީގެ ވަކި ހާއްސަ ބޭނުންތަކަކަށް ފިޔަވައި އެހެން އެއްވެސް ކަމަކަށް ތެލާއި ގޭހެއް ޣައްޒާއަށް ނުދެވޭނެ ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ބުނީ ދުވާލަކު 300 އެހީ ޓްރަކް ވެއްދުމަށް ހުއްދަ ދިން އިރު، މިއީ ޣައްޒާއަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.

ސަހްޔޫނީން ވަނީ ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ރަފާހް ބޯޑަރު ބަންދު ކުރަން ނިންމައިފައެވެ.

އަލްޖަޒީރާ އިން ބުނި ގޮތުގައި މި ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާފައި ވަނީ ސަހްޔޫނީންގެ ސިފައިން ޣައްޒާގެ އުތުރާއި ދެކުނުގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved