

ޣައްޒާއާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދިޔަ ގަތުލުއާންމު ހުއްޓާލައި ދެ ގައުމުގައި ހައްޔަރުކޮށްފައި ތިބި އަސީރުންތައް މިނިވަންކުރަމުން އަންނައިރު ދާދިފަހުން ހަމާސްއިން ދޫކޮށްލި ސަހްޔޫނީންގެ ގައިދީ އެލެގްޒެންޑަރ ޓަރބަނޯވް ވަނީ ޣައްޒާގައި ހޭދަކުރި 498 ދުވަހާއި ބެހޭގޮތުން އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އޭނާގެ މެސެޖުގައި ވަނީ ޣައްޒާގައި އަޅުވެތިކަމުގައި އޭނާ ހޭދަކުރި ދުވަސްތަކަކީ އިންސާނިއްޔަތާއި އޯގާތެރިކަމާއި ވަރުގަދަކަމާއި މެދު އޭނާ ދެކޭ ގޮތް ބަދަލުކޮށްލި ތަޖުރިބާއެއްގެ ގޮތަށެވެ. މިގޮތުން މިވީ 498 ދުވަސް ހައްޔަރުގައި ވީ ނަމަވެސް އޭނާއަކީ ގައިދީއެއްގެ ގޮތަށް އިހުސާސްވެފައި ނުވާ ކަމަށް ބުނެފައިވެއެވެ.
ޓާބަނޯވް ބުނީ އޭނާ ޖަލުގައި ހުރި ދުވަސްވަރު އޭނާއާ މެދު ފަރުވާތެރިކަމާއި އިހުތިރާމާއެކު ކަންތައް ކުރި ކަމަށެވެ. އޭނާ ހިއްސާކުރި ގޮތުގައި އޭނާ އަތުލައިގަތް މީހުން އޭނާގެ ފުރާނަ ހިމާޔަތްކޮށް، ކާން ބޯން ދީ، ވަށައިގެން ހިނގަމުންދާ ހަނގުރާމައާއި ދަތިތަކާ އެކު ވެސް އޭނާއާ މެދު ކަރާމާތްތެރިކަމާއެކު ކަންތައް ކުރި އެވެ.
“ބައްޕައަކު ދަރިފުޅަށް އަޅާލާ ގޮތަށް އެމީހުން އަހަންނަށް އަޅާލީ،އަހަރެންގެ ސިއްހަތާއި ކަރާމާތާއި ރައްކާތެރިކޮށްދިން” އޭނާގެ މެސެޖުގައި އޭނާ ބުންޏެވެ.
މީގެ އިތުރުން، އޭނާ ވަނީ ޣައްޒާގައި ތިބި ރައްޔިތުންގެ ކެތްތެރިކަން ފާހަގަކޮށް އެމީހުންގެ މިނިވަންކަމަށް މަރުޙަބާ ބުނެފައެވެ. ޓާބަނޯވް ބުނީ ހިތްވަރާއި ގުރުބާނީގެ މާނަ އެމީހުންގެ ކިބައިން ދަސްވި ކަމަށާއި ހާއްސަކޮށް އުންމީދާއި އީމާންތެރިކަމުގައި ހިފަހައްޓައިގެން ތިބެ ނުރައްކަލާއި ގެއްލުމާއި ޣައްޒާ ރައްޔިތުން ކުރިމަތިލި ގޮތް ވަރަށް ގާތުން ފެނުނު ކަމަށެވެ.
ޓަރބަނޯވްގެ ޖަޒުބާތީ ބަޔާނުގައި އޭނާ ވަނީ އޭނާގެ ގައުމުގެ އަމަލުތަކާއި އޭނާއަށް ހަމާސްގެ ފަރާތުން ލިބުނު އަޅާލުމާއު ދެމެދު އޮތް ތަފާތާއި މެދު ވިސްނާލާފައެވެ. "އަޅުގަނޑުގެ ގައުމުގެ ސަރުކާރުން އަނިޔާވެރިކަން ހިންގަމުން ދިޔަ ނަމަވެސް، ދުވަހަކުވެސް ބަނޑުހައިވެގެން އުޅެން ނުވަތަ ނިކަމެތިވުމުގެ ފުރުސަތު ނުލިބި މި މިނިވަންވީ" އޭނާ ބުނެފައިވެއެވެ.