theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ކޮންމެ ދުވަހަކު ވެސް އަހަރެންގެ ދަރިންނާ ސަލާމް ކުރަން، އެއީ އެ ކުދިންނާ އެކު ހޭދަކުރާ ފަހު ފަހަރު ކަމަށް ހީވާތީ: ރާޝާ އަބޫ ސްބީކާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
27 އޮކްޓޯބަރު 2025
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ ދެ އަންހެނުން ކަމަށްވާ ރާޝާ އަބޫ ސްބީކާ އާއި މަރްވަތު ސަރްހާން ސަހްޔޫނީން ޣައްޒާގައި ހިންގަމުންދިޔަ ލާއިންސާނީ އަނިޔާވެރިކަމުގައި ޣައްޒާގެ އަންހެނުން ތަހައްމަލުކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ ނިކަމެތި ހާލާއި ވޭނުގެ ވާހަކަތައް މީޑިއާތަކަށް ހިއްސާކޮށްފައެވެ.

މިގޮތުން ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި އުޅުނު ރާޝާ އަބޫ ސްބީކާ ވަނީ ހަނގުރާމައިގައި ހަތަރު ބޮމުގެ ހަމަލާއަކުން ކިރިޔާ ސަލާމަތްވެފައެވެ. އަދި ދެ ފަހަރެއްގެ މަތިން އެ އަންހެން މީހާ ވަނީ ހަމަލާތަކުގެ ސަބަބުން ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. ނަމަވެސް މި ހުރިހާ ފަހަރަކު ސަލާމަތްވި ފަހުން މިހާރު އޭނާ އަންނަނީ ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރުުގެ ވޭން ތަހައްމަލު ކުރަމުންނެވެ. މި ބަލީގައި އެއްވެސް ފަރުވާއެއް ނުލިބި އުޅެންޖެހުމުގެ ސަބަބުން އެ ހަށިގަނޑު ދުވަހެއް ދުވަހަކަށްވުރެ އަނަރޫފަވަމުން އަންނަ ކަމަށް ރަޝާ ބުންޏެވެ.

ސަހްޔޫނީން ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށް ހަމަލާދީ ސުންނާފަތިކޮށް ބޭސްފަރުވާއަށް ހުރަސް އެޅުމުން ރާޝާއަށް ފަރުވާ ހޯދުމަށް ގައުމުން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ.

"އަހަރެން މަރުވާން އުޅޭހެން ހީވަނީ،" އޭނާ ބުންޏެވެ. "އަހަރެން ކޮންމެ ދުވަހަކު ވެސް އަހަރެންގެ ދަރިންނާ ސަލާމް ކުރަން، އެއީ އެ ކުދިންނާ އެކު އަހަރެން ހޭދަކުރާ އެންމެ ފަހު ފަހަރު ކަމަށް ހީވާތީ،" އޭނާ ބުންޏެވެ.

ރާޝާ ދެކޭ ގޮތުގައި އޭނާގެ ކެންސަރު ޖެހުނީ ސަހްޔޫނީން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އުފެދޭ ވިހަ ދުމާއި ހިރަފުހުގެ ސަބަބުންނެވެ. "ބޭހެއް ނެތް، ފަރުވާއެއް ނެތް، ދާނެ ތަނެއް ނެތް،" ޣައްޒާއަކީ "މުޅިން ޕެރަލައިޒް" ވެފައިވާ ގައުމެއް ކަމަށް ރާޝާ ސިފަ ކުރިއެވެ. އޭނާގެ ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް ރާޝާ ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ގާޒާއިން ބޭސްފަރުވާ ހޯދަން ބޭނުންވާ 15،000 މީހުންގެ ތެރެއިން 41 މީހުންނަށް ފަރުވާ ދިނުމުގެ ހުއްދަ ދީފައިވެ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ރަފާހް ބޯޑަރު ހުޅުވަން ޖެހޭ ނަމަވެސް ނަމަވެސް އެ ސަރަހައްދުން ފަރުވާ ދިނުމަށް ބޭރުކުރެވެނީ ވަރަށް މަދު ބަޔަކަށެވެ.

މީގެ އިތުރުން ޚާން ޔޫނިސްގެ މަރްވަތު ސަރްހާން އަންނަނީ ސަހްޔޫނީންގެ ޖަލެއްގައި ގާތްގަނޑަކަށް ފަސް މަސް ދުވަހު ހޭދަކުރުމަށްފަހު އޭނާގެ ދިރިއުޅުން އަލުން ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ބުނާ ގޮތުގައި ޖަލުގައި ހައްޔަރުވެފައި ހުރި ހުރުމުގެ ތެރޭގައި އޭނާ ތަޅައި އަނިޔާކޮށް، ކަރަންޓު ޖައްސައި، އެތަކެއް އިންޒާރު ދީފައިވެ އެވެ.

މަރްވަތު ބުނެފައިވާ ގޮތުގައި އަންހެނުންގެ ހެދުން އަޅައިގެން ސަހްޔޫނީ ސިފައިން އޭނާގެ ގެއަށް ވަދެގަނެ ތުހުމަތު ކުރީ އޭނާގެ އާއިލާއިން އަސީރުން ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް އެމީހުން އެކަން ދޮގުކުރުމުން ސަހްޔޫނީ ސިފައިން ވަނީ އޭނާއާއި އޭނާގެ ދަރިންގެ ކުރިމަތީގައި އޭނާގެ ފިރިމީހާ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ދެ އަންހެނުންގެ ވާހަކައިން ވެސް ފެންނަނީ ހަނގުރާމައަށް ފަހު ފަލަސްތީނުގެ ރައްޔިތުންނަށް އަދިވެސް ކުރިމަތިވެފައިވާ ފުން ވޭނާއި ތަކުލީފެވެ. އާއިލާއާއި ގެދޮރާއި ސިއްހަތާއި އުންމީދު ގެއްލުމުގެ ވޭނެވެ.

ޣަައްޒާ ހުރިހާ އެންމެންގެވެސް އެދުމަކީ އެއް އެދުމަކެވެ. ހާލަތު ބަދަލުވެ ރަނގަޅުވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބެ މަރުވާކަަށް އެމީހުން ނޭދެއެވެ. މިހާރު ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައި މިނިވަންކަމާއި އެކު އުޅެވޭނެ ގޮތް ހަދައިދިނުމަށް މި ދެ އަންހެނުންނެކޭ އެއްފަދައިން މުޅި ޣައްޒާ އަންނަނީ ގޮވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved