އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީ (ޔޫއެންއާރުޑަބްލިއުއޭ) އިން ޣައްޒާގައި ގެދޮރު ގެއްލިފައިވާ 70،000 މީހުންނަށް ހިޔާވަހިކަން ދީފިއެވެ.
ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އދ. ގެ އެޖެންސީ ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑުވެފައިވާ ޣައްޒާގައި މިހާރު ހިންގަމުންދާ 70 ހިޔާދޭ ޕްރޮޖެކްޓުގައި މިހާރު 70،000 ފަލަސްތީނު މީހުންނަށް ފުރުސަތު ދީފައިވާ ކަމަށެވެ.
އެ ޖަމިއްޔާގެ އެއް މަންދޫބަކު އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ގާތްގަނޑަކަށް 8،000 ޓީޗަރުން އަލުން ޣައްޒާގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފަލަސްތީނުގެ އާންމުންނަށް ކުރިމަތިވެފައިވާ ކާރިސާގެ ހާލަތްތަކާ އެކު ވެސް ޣައްޒާގައި އިންސާނީ އެހީތެރިކަމުގެ މުހިންމު މިޝަން ކުރިއަށް ގެންދާކަން ޔޫއެންއާރުޑަބްލިއުއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔޫއެންއާރުޑަބްލިއުއޭގެ ރަސްމީ އެކްސް އެކައުންޓުގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމިއްޔާގެ ސްކޫލްތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ގެދޮރު ދޫކޮށްފައިވާ އާއިލާތަކަށް ހިޔާވަހިކަން ދެމުން އަންނަ ކަމަށް ބުނެފައިވެއެވެ.
އިޖުތިމާއީ މަސައްކަތްތެރިން ދަނީ ރައްކާތެރިކަމުގެ ހިދުމަތްތަކާއި ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީ، ސަލާމަތްވި މީހުންގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިވެދެމުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.