އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 69،169 އަށް އަރައިފިއެވެ.
އިސްރާއީލް އާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މިިދިޔަ މަހުގެ 10 ގައެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް އިސްރާއީލުން ދަނީ އެއްބަސްވުމާ ހިލާފަށް ޣައްޒާއަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި އޮކްޓޯބަރު 7، 2023 ގެ ފަހުން ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 69،169 އަށް އަރައިފައެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 170،000 އަށް ވުރެ މައްޗަށް އަރައިފައެވެ.
ހަނގުރާމަ ހުއްޓާލި ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ވެސް ޣައްޒާއިން 284 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަނގުރާމަ ހުއްޓާލި ފަހުން އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި ތިބި ޣައްޒާގެ ރައްޔިތުން ހޯދުމުގެ މަސައްކަތް ވަނީ އިތުރަށް ފުޅާކޮށްފައެވެ.
ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުން ނަމަ، އިމާރާތްތަކުގެ ދަށުގައި 10،000 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވާނެ ކަމަށް ބެލެވެއެވެ.