ތޫފާން ފަންގް-ވޮންގްގެ ސަބަބުން ޓައިވާނަށް ރިކޯޑް އަދަދަކަށް ވާރޭ ވެހި، ފެންބޮޑުވެ ޓައިވާނުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ފަށައިފިއެވެ.
މި އަހަރުގެ އެންމެ ބާރުގަދަ އެއް ތޫފާން ޓައިވާނަށް އަރާފައިވާއިރު، އެ ތޫފާންގެ ސަބަބުން ވާރޭ ވެހި ވައިރޯޅިތައްވެސް ވަނީ ގަދަވެފަ އެވެ. ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކައުންޓީތަކުގެ ތެރޭގައި އިރުމަތީ ކައުންޓީ ކަމަށްވާ ޔިލާން އާއި ހުއާލިއެން ހިމެނޭއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު މިހާރު ދީފައިވާއިރު، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އަންނަނީ ހުރަސްތައް ކުރިމަތިވަމުންނެވެ.
އައްސޭރިފަށާއި ފަރުބަދަމަތީ ސަރަހައްދުތަކުން 8،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް މިހާރު ގެންދެވިފައިވާއިރު، އެތައް ސިޓީއެއްގެ ސްކޫލްތަކާއި އޮފީސްތަކާއި ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފަ އެވެ. ޔިލާންގައި 24 ގަޑިއިރުގެ ތެރޭގައި 648 މިލިމީޓަރަށް ވާރޭވެހިފައިވާއިރު، މިއީ މިހާތަނަށް އެ ސަރަހައްދުގައި ރެކޯޑްކުރެވުނު އެންމެ ބޯކޮށް ވާރޭ ވެހުނު ފަހަރެވެ.
ހޮސްޕިޓަލްތައް ހައި އެލާޓަށް ގެނެސްފައިވާއިރު 51 މީހަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އެއް މީހެއް މިހާތަނަށް ނިޔާވި ކަމަށް ރިޕޯޓްކޮށްފައިނުވެއެވެ. ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެނީ ތޫފާން ބަލިކަށިވަމުން ދިޔަ ނަމަވެސް ފްލެޝް ފްލަޑް ފަދަ ދެވަނަ ދަރަޖައިގެ ކާރިސާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ރައްކާތެރިވުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުއާލިއަން އަށް އެރި ތޫފާނެއްގައި 19 މީހުން ވަނީ މަރުވެފައެވެ.