އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި ބާރުގަދަ ގޮވުމެއްގައި ނުވަ މީހަކު މަރުވެ 32 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.
އޭގެ ތެރޭގައި ގިނައީ ފުލުހުން ކަމަށާއި މި ގޮވުމުގެ ސަބަބުން އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާ މެދުވެރިވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ގޮވާތަކެތި "ހޭންޑަލް" ކުރުމުގައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމަޖެންސީ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލްކޮށް ޒަހަމްވި މީހުން ސަލާމަތް ކުރުމަށް މަސައްކަތްކޮށްފަ އެވެ. މި ހާދިސާގއި ފުލުހުންގެ ބައެއް ވެހިކަލްތަކަށް ގެއްލުން ލިބިފައިވާއިރު، ގޮވުމުގެ ފަހުން އިމާރާތުގެ ބޮޑު ބަޔެއް ވަނީ ހަލާކުވެފަ އެވެ.
ހާދިސާގައި އަނިޔާވި ގިނަ މީހުންނަކީ އެވަގުތު ސްޓޭޝަން ތެރޭގައި ތިބި އޮފިސަރުންނެވެ. ޒަޚަމްވި މީހުން ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މި ގޮވުންތައް ގޮވުމަށް ދިމާވި ސަބަބު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިންޑިއާގައި މި ފަހުން އެކި ސަރަހައްދުގައި ގޮއްވާލުންތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.