ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް ޣައްޒާ އާއި ލުބުނާނަށް ސަހްޔޫނީނުން އަދިވެސް ހަމަލާދެމުންދާ ކަމަށް އެ ގައުމުތަކުން ރިޕޯޓްކޮށްފިއެވެ.
މިގޮތުން، ލޯކަލް ޚަބަރު ޗެނަލްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޮން ގޮއްވާލައި، އާންމުންނަށް އުނދަގޫވާނެހެން ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ސަހްޔޫނީނުން އަޅަމުންދާ ކަމަށެވެ.
ހަމައެއާއެކު ރޭ ދަންވަރު ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސިޑޯން ކައިރީގައި އޮންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ވައިގެ ހަމަލާއެއް ދީ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ހަލާކުވެފައިވާ އިމާރާތްތައް ބަލައިފާސްކޮށް، އެމަޖެންސީ ޓީމުތަކުން އަންނަނީ ހަރަކަތްތެރިވަމުންނެވެ.
ސަހްޔޫނީން މި ހަމަލާތައް ދެމުން އަންނަނީ ބައިނަލްއަގްވާމީ މެދުވެރިން ހަނގުރާމަ ހުއްޓާލުމަށާއި އިތުރު އެއްބަސްވުންތަކެއް ހެދުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގަ އެވެ. އަލުން އަނިޔާވެރިކަން ފެށުމަށް ފުރުސަތު ނުދިނުމަށްވެސް މި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސަހްޔޫނީން ވަނީ ޣައްޒާގެ 60،000 ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށް ޣައްޒާ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. މި ހަނގުރާމައަށް ދެ އަހަރު ފަހުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް ސަހްޔޫނީން އަންނަނީ އެއްބަސްވުމާއި ޚިލާފުވެ ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް ހަމލަާތައް ދެމުންނެވެ.