
އިތިއޮޕިއާގެ ހައިލީ ގުބިންގައި ފަރުބަދައެއް ގޮވައި އުފެދުނު އަލިފާންގަނޑުގެ އަޅިތައް ރަތް ކަނޑު ހުރަސްކޮށް އިންޑިއާގެ އިތުރުގެ ހިސާބުތަކަށް ފޯރާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓްތަކުން ބުނާ ގޮތުގައި ދިއްލީއާއި ހިސާބަށް އެ އަޅިގަނޑު ފެތުރި، ޖައިޕޫރާއި ޖައިސަލްމޭރާ ހަމައަށް ވެސް ވަނީ ފޯރާފަ އެވެ.
މިކަމުުގެ ސަބަބުން އާދަޔާޚިލާފަށް ވިލާގަނޑުތައް އުފެދެމުން އަންނާތީ އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އިންޑިއާގެ އުތުރުގެ ވައިގެ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިގޮތުން ބައެއް ފްލައިޓްތައް ކެންސަލް ކުރި ކަމަށް ވެސް ޕޯސްޓްތަކުގައި ބުނެފައިވާއިރު، އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރު ޑީޖީސީއޭ އިން ވަނީ އެއާލައިންތަކަށް ތަޣައްޔަރުވެފައިވާ ވައިގެ ސަރަހައްދުން ސަލާމަތްވުމަށް އެލާޓް ނެރެފަ އެވެ. އަލިފާންގަނޑުގެ އަޅިތައް މަތިންދާބޯޓުތަކުގެ އިންޖީނުތަކަށް ގެއްލުންދީ ވައިގެ ސަރަހައްދު ތަޣައްޔަރު ވުމަކީ އޭވިއޭޝަނަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް ބުނެފައިވެއެވެ.
ބިންމަތީގައި މާބޮޑު ބުރޫއެރުމެއް އެރިކަމެއް އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ ހާލަތު މޮނިޓަރކޮށް، މިކަމުގެ ސަބަބުން އަސަރުކުރާ ސަރަހައްދުތަކުގެ މީހުންނަށް ސިއްހީ އެއްވެސް ނުރައްކަލެއް ކުރިމަތިވާތޯ ބަލަމުންނެވެ.










