theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
މުއިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ފަރުވާލެއް ނުދޭ: މޭޔަރު ނިޒާރުގެ ހޫނު ފާޑުކިޔުން ސަރުކާރަށް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 ޑިސެމްބަރު 2025
މާލެ ސިޓީ

އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި، ފެށިފައިވާ މަޝްރޫއުތައްވެސް ކުރިއަށް ނުދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް މާޔޫސްކަން ލިބެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، ކުރީ ވެރިކަންތަކުގައި އައްޑޫއަށް ހޯދައިދިން ތަރައްގީގެ 10 ޕަސަންޓު މަސައްކަތް ވެސް ރައީސް މުއިއްޒުގެ ބާކީ އޮތް ތިން އަހަރުގެ ވެރިކަމުގައި ނުގެނެވޭނެ ކަމަށެވެ.

"އެމްޑީޕީގެ ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓާ ހެދި އެ ލިބުނު ތަރައްގީ އާއި ރައީސް އިބޫގެ ފަސް އަހަރު ތެރޭ ކޮވިޑުގެ ގޮންޖެހުމާއި އަދި މާލީ ދަތިކަން ހުރި އިރުވެސް އައްޑޫއަށް ގެނެސްފައި ހުރި ތަރައްގީއަށް ބަލާއިރު އެއާ ގާތް ކުރާ، އޭގެ 10 ޕަސަންޓުގެ މަސައްކަތް ވެސް ރައީސް މުއިއްޒުއަށް ބާކީ މިއޮތް ތިން އަހަރު މަސައްކަތް ކުރިޔަސް ނުގެނެވޭނެ. ނެތޭ ސިޔާސަތެއް،" މޭޔަރު ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫއާ މި ސަރުކާރު ގުޅުވާއިރު ދައްކާނެ ރަނގަޅު އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. "އެއްވެސް ކަމެއް ނެތް. އަޅުގަނޑަށް ގަބޫލުނުކުރެވޭ 21 ކީއްކުރަން 50 ޕްރޮޖެކްޓްގެ ވެސް ބިންގާ އެޅިދާނެ. 50 ޕްރޮޖެކްޓްގެ ވާހަކަވެސް ދެކެވިދާނެ. އެކަމަކު އޭގެއިން އެއްވެސް ކަމެއް އަމަލީ ގޮތުން ނުކުރެވޭނެ،" އޭނާގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެއިތުރުން، މޭޔަރު ނިޒާރު ތުހުމަތުކުރެއްވީ މިދިޔަ މަހު ރައީސް މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ބިންގާ އެޅުއްވި މަޝްރޫއުތަކުގެ މަސައްކަތްތައް، އެނބުރި މާލެ ވަޑައިގަތުމާއެކު ހުއްޓިފައިވާ ކަމަށެވެ. އެގޮތުން، ހިތަދޫގައި 100 ހައުސިން ޔުނިޓް އަދި މަރަދޫ އާއި ފޭދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު، މަރަދޫ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މަޝްރޫއު، ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއު އަދި ބޮޑު ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ހަވާލުކުރެވުނު ނަމަވެސް، އަމަލީ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން އެއްވެސް ފަރުވާލެއް ނުދޭ ކަމަށް މޭޔަރު ނިޒާރު ކުރެއްވި މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved