
އިރާނާ ދެކޮޅަށް އަސްކަރީ ބާރު ދެއްކުމަށް ފޮނުވާލި އެމެރިކާގެ އެންމެ އަގުބޮޑު އަދި އެންމެ ޒަމާނީ މަނަވަރު، ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑަށް އާދަޔާޚިލާފު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. 13 ބިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްގެން ބަނދެފައިވާ މި މަނަވަރުގެ ހަތިޔާރު ނިޒާމަށްވުރެ ބޮޑު މައްސަލައަކަށް ވެފައިވަނީ، އޭގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ފޭލްވުމެވެ.
މި މަނަވަރުގައި ހުރި 650 ފާޚާނާގެ ތެރެއިން ގިނަ ފާޚާނާތައް ހަލާކުވެ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާއިރު، މީގެ ސަބަބުން މަނަވަރުގައި ތިބި ސިފައިންނަށް ވަނީ އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ފާޚާނާ ކުރުމަށްޓަކައި ދިގު އިންތިޒާރުތަކެއް ކުރަން މަޖުބޫރުވެފައިވާއިރު، މުޅި މަނަވަރުގައި ސާފުތާހިރުކަން ކުޑަވެ، ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ނުރައްކާތެރި ހާލަތެއް ވަނީ އުފެދިފައެވެ.
މި މައްސަލަ އުފެދެން ދިމާވި މައިގަނޑު ސަބަބަކީ، އަސްކަރީ މިންގަނޑުތަކަށް ފެތޭގޮތަށް މިލިޓަރައިޒް ނުކުރެވި ހުރި، ކޮމާޝަލް ސްޓައިލްގެ ނާޒުކު 'ވެކިއުމް ސަކްޝަން' ސިސްޓަމެކެވެ.
ރިޕޯޓްތައް ބުނާގޮތުން، މި ނިޒާމުގެ އެންމެ ވޭލްއެއް ފޭލްވި ނަމަވެސް މުޅި ޒޯނެއްގެ ނަރުދަމާ ނިޒާމު ބަންދުވެގެންދެއެވެ. މި މައްސަލަ ހައްލުކުރުމަކީވެސް އިންތިހާއަށް އަގުބޮޑު ކަމެކެވެ. އެގޮތުން ހޮޅިތައް ތަތްނުލާ ސާފުކުރުމަށްޓަކައި ޚާއްޞަ 'އެސިޑް ފްލަޝް' އެއް ބޭނުންކުރަންޖެހެއެވެ.
މިގޮތަށް އެސިޑް ފްލަޝް ކުރާ ކޮންމެ ފަހަރަކު އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާގެ ތެރެއިން 400,000 (ހަތަރުލައްކަ) ޑޮލަރު ޚަރަދުވާކަމަށް މައުލޫމާތު ލިބެއެވެ. މިއީ މަނަވަރުގެ އޮޕަރޭޝަނަލް ޚަރަދުތައް އިންތިހާއަށް އުފުލިގެންދާ ކަމެކެވެ.
މި ހާދިސާއަކީ އެމެރިކާގެ އަސްކަރީ ގާބިލިއްޔަތަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ބޮޑު ހުތުރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އިރާނަށް ބިރުދެއްކުމުގެ މަގްސަދުގައި ފޮނުވާލި މި ބިޔަ މަނަވަރުގެ އެތެރޭގެ އިންތިޒާމުތައް މިހާ ދަށު ދަރަޖައަކަށް ދިއުމުން، މަނަވަރުގެ އަސްކަރީ މިޝަނަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.




