
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައީވެސް މަކަރު ޖަހައިގެން ކަމަށާ މިހާރު ވެރިކަމުގައި ދެމިހުންނަން ވެސް ޖަހަނީ މަކަރުކަމަށް ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެޕްރިލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ރިފަރަންޑަމް ވޯޓާ ގުޅޭ ގޮތުން ސްޓޭޓޫތައް ހާމަކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ވަނީ "ޗަގޯސް"ގެ ނަމުގައި ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ރައީސް މުއިއްޒު މަސައްކަތްކުރައްވަމުން ގެންދަވަނީ އެންމެ އާންމު ރައްޔިތު މީހާވެސް ކަސްތޮޅު އަޅުވައިގެން ދިވެހިރާއްޖޭގެ ހުރިހާ އިގްތިސޯދީ ދިމާތަކެއްވެސް ބަންދުކޮށްގެން މުޅި ރާއްޖެ އެކީގައި ކަސްތޮޅު އަޅުވާ ބަންދުކޮށް މިހުރިހާ ކަމެއްގެ ތެރެއިން އެމަނިކުފާނުގެ ވެރިކަން ގިނަ ދުވަހަކަށް ދެމެހެއްޓުމުގެ އަމާޒުތަކަކަށް ރަވާފައިވާ ރޭވުންތަކަކަށް ކަންކަންކުރައްވަމުން ކަމަށެވެ.
އެގޮތުން މިހާރު ހުށަހެޅިފައި އޮތް ރެފަރަންޑަމްއާ އޭގެ ކުރިން ނިއުޅިގެން އައި ކަންތައްތަަކަށް ބަލާއިރު އެއީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ތެރެއިން ނިކަން ރަގަޅަށް ތައްޔާރު ކުރެވިގެން ރޭވިގެން އެއާއެކު އެކަންކަން ކޮންޓްރޯލުކުރުމަށް ރައްޔިތުންގެ ވޯޓު ހޯދާ އެކިއެކި އެހެނިހެން ރޭވުންތައްވެސް ރާވާ އެންމެ ނުބައި ދަނޑވަޅުގައި ނަގާ ރިފަރަންޑަމްއެއް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ، މި ވޯޓާ ދޭތެރޭގައި މީހަކު އާނ އެކޭ ނުވަތަ ނޫނެކޭ ބުނަން ބެލި ނަމަވެސް އޭގެ ނިޔަތުގައި ތަޣައްޔަރުކަމެއް އެބައޮތް ކަމަށެވެ. އެގޮތުން ޑރ މުއިއްޒު ވެރިކަމުގައި ރަސްކަލެްގެ ގޮތުގައި ދެމިހުރިހުރމަށް އެހެނިހެން އަމާޒުތަކެއް ހުރި ކަމަށްވެސް ޒަރިަޔންދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައްޔިތުން އެހުރިހާކަމެއްގެ ފަހަތުގައި އޮތް މަކަރުވެރި ރޭވުން ދެނަގަނެ ވޯޓުގައި ގޮތް ނިންމަން އެދޭ ކަަމަށެވެ.
ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީވެސް މަކަރު ޖަހައިގެން، ވެރިކަމުގައި ދެމިހުންނަން ވެސް ނިންމުންތައް ބިނާ ކުރަނީ ވެސް މަކަރެއްގެ މައްޗަސް ބިނާކޮށް ކަމަށާ އަދި ވެރިކަމުގައި ކުރިއަށް ދާން ވިސްނަނީވެސް މަކަރު ހަދާ ރައްޔިތުންގެ ބޮލަށް ޗިޕު ޖެހޭނެ ކަމަށް ވިސްނައިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނަގާ ވޯޓުގައި ސަރުކާރުގެ މުވައްޒަފުން ވެސް ނޫނެކޭ ބުނަން ޒަރިޔަންދު ވަނީ ގޮވާލައްވާފައެވެ.




