March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވ. އަތޮޅު އެކްސިޑެންޓް: ލޯންޗު ދުއްވަން އިނީ އިންޑިއާގެ ބިލިއަނަރު ސިންގްހާނިއާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 21, 2026, 12:24 PM
މާލެ ސިޓީ

ވ. އަތޮޅު ކައިރީގައި ހިނގި ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި، އިންޑިއާގެ މަޝްހޫރު ބިލިއަނަރު އަދި ރޭމަންޑް ޓެކްސްޓައިލްސްގެ ވެރިޔާ ގޯތަމް ސިންގްހާނިއާއަށް އަނިޔާވެއްޖެއެވެ. މި ހާދިސާގައި ދެ މީހަކު ގެއްލިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 20 މާރޗް ވަނަ ދުވަހުގެ ދަންވަރު 1:15 ހާއިރު، ސިންގްހާނިއާގެ ރޭސިންގ ލޯންޗެއް ބަންޑުން ޖަހާލައިގެންނެވެ. މިއީ އޭނާ ރާއްޖެ އައިސް އުޅުނު "ޓީޓީ އަޝޭނާ" ޔޮޓުގައި ބޭނުންކުރާ، ވަރަށް ބާރު ސްޕީޑްގައި ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ "ސިނގިރެޓު ރޭސިންގ" ވައްތަރުގެ ލޯންޗެކެވެ. މި ލޯންޗު ބަންޑުން ޖަހާލި އިރު، ލޯންޗު ދުއްވަން އިނީ އުމުރުން 60 އަހަރުގެ ގޯތަމް ސިންގްހާނިއާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި ސިންގްހާނިއާގެ ހަށިގަނޑުގެ ހަ ތަނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ މޫނާއި އަތަށް ލިބުނު އަނިޔާތައް ހިމެނޭއިރު، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ވެސް ވަނީ ސިންގްހާނިއާއަށް އަނިޔާވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ހޮސްޕިޓަލުން ދޫކޮށްލުމާއެކު އޭނާ ވަރަށް އަވަހަށް މުމްބާއީއަށް ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ކަންތައްތަކެއް ބަލަންޖެހޭއިރު، ސިންގްހާނިއާ އަތުގައި ލޯންޗު ދުއްވުމުގެ ސައްހަ ލައިސަންސެއް އޮތްތޯ އާއި، އެ ލޯންޗަކީ ރާއްޖޭގެ ކަނޑުތަކުގައި ދުއްވުމަށް ފުރިހަމަ ކުރަންޖެހޭ ގާނޫނީ ޝަރުތުތައް ފުރިހަމަވެފައިވާ އުޅަނދެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

ކަންމިހެން ހުރިއިރު، އެކްސިޑެންޓުގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި، ބަޔަކު ގެއްލިފައި ވަނިކޮށް، ހާދިސާ ހިނގި އިރު އުޅަނދު ދުއްވަން އިން ފަރާތް ރާއްޖެ ދޫކޮށް ދިއުމުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ބަލަމުންދޭތޯ އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved