
ސިޔާސީ މައިދާނުގައި ގިނަ ހިދުމަތްތަކެއް ކުރައްވާ ސްވެނިއަރ ވިޔަފާރި ކުރިއެރުވުމުގައިވެސް މަސައްކަތްކުރެއްވި އަބްދުﷲ ރަޝީދު (ފޭރޭ ސޭޓު) ނިޔާވެއްޖެއެވެ.
ސޭޓު ނިޔާވެފައިވަނީ، ސްރީލަންކާގެ ރާޖަގްރިޔާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވނިކޮށް ރޭގެ ވަގުތެއްގައެވެ. ސޭޓު ނިޔާވީ ކެންސަރު ބަލީގައި ދިގު މުއްދަތަކަށް ހަނގުރާމަ ކުރެއްވުމަށް ފަހުއެވެ.
ސޭޓަކީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ޚިދުމަތްކޮށްދެއްވި، ޚާއްޞަކޮށް ސުވެނިއަރ ވިޔަފާރީގައި ނަމޫނާ ދެއްކެވި، ހިތްވަރާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެކެވެ.
ޤައުމީކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވުމާއި، ސޭޓުގެ ޤައުމީ ވާހަކަތަކާއި، ކުރު ތަޤްރީރު ތަކަކީ ޖޯޝުން ފުރިގެންވާ އުއްމީދީ ވާހަކަތަކެކެވެ. ސިޔާސީގޮތުން ގެންނަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތައް ގެނައުމަށް އަޑު އުފުއްލަވާ ސާބިތުކަމާއެކު އުޅުއްވި ބޭފުޅެކެވެ. އަވަށުގެ ރޫޙުގައި މައްޗަންގޮޅީގެ ކުރިއެރުވުމަށް ކެނޑިނޭޅި އިޚްލާޞްތެރި މަސައްކަތްކުރެއްވި ބޭފުޅެއްވެސް މެއެވެ.
'މީގެ އިތުރުން ކެންސަރުގެ ބަލީގެ ބައެއް ބަލި މީހުންނަށް ބޭނުންވާ ބޭސް، ރައްޔިތުންގެ އިޖްތިމާއީ ކަންކަން ބަލަހައްޓާ ރައްޔިތުންގެ ކުންފުނި، އެސްޓީއޯއިން ނުގެންނާތީ އަދި އެފަދަ ބޭސްތައް އަމިއްލަ ފާމަސީތަކުންވެސް ވިއްކުން ސަރުކާރުން ހުއްޓުވާތީ ސޭޓު ވަނީ ދާދި ފަހުން އެ ބޭސް ރާއްޖެ ގެނައުމުގެ ޒިންމާ އޭނާ އަމިއްލަ އުފުލާ އެ ބޭސް ރާއްޖެ ގެނެސް އަދި ބަލި މީހުންނަށް ހަދިޔާވެސް ކޮށްފައެވެ.
ސޭޓުގެ ފުރާނައަށް ސުވަރުގެ ނިއުމަތް ދެއްވުން އެދި ދުއާ ކުރަމުން އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ. އާއިލާއަށް މިހިތްދަތި ވަގުތުގައި ޗެނަލް13ގެ މެނޭޖުމަންޓުގެ ފަރާތުން ތައުޒިޔާ އަރިސްކުރަމެވެ.










