March 22, 2026
Advertisement
ފޭރޭ ސޭޓު ނިޔާވުމާ ގުޅިގެން ރައިސް ޔާމީންގެ ތައުޒިޔާ އަރިސްކުރައްވައިފި
ފޭރޭ ސޭޓު ނިޔާވުމާ ގުޅިގެން ރައިސް ޔާމީންގެ ތައުޒިޔާ އަރިސްކުރައްވައިފި / ސޯޝަލް މީޑިއާ

ފޭރޭ ސޭޓު ނިޔާވުމާ ގުޅިގެން ރައިސް ޔާމީންގެ ތައުޒިޔާ އަރިސްކުރައްވައިފި

Mar 22, 2026, 05:55 PM
މާލެ ސިޓީ

ސިޔާސީ މައިދާނުގައި ގިނަ ހިދުމަތްތަކެއް ކުރައްވާ ސްވެނިއަރ ވިޔަފާރި ކުރިއެރުވުމުގައިވެސް މަސައްކަތްކުރެއްވި މއ. ފޭރުގޭ، އަބްދުﷲ ރަޝީދު (ފޭރޭ ސޭޓު) ނިޔާވުމާ ގުޅިގެން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ތައުިޔާ އަރިސްކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވަނީ ސޭޓުގެ ހިދުމަތްތަކަކީ ގައުމީ ގޮތުން ބެލިނަމަވެސް އަދި ސިޔާސީ ގޮތުން ބެލި ނަމަވެސް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއްކަން ފާހަގަކުރައްވާ ސޭޓު އަޅުގަޑުމެންނާ ވަކިވެގެން ދިއުމަކީ ނުހަނު ހިތާމަވެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ސޭޓުގެ ވަކިވުމަކީ ފޫނުބެއްދޭނެވަރުގެ ކަމެއް ކަމަށާ އޭނާ އަކީ ސިޔާސީ ގޮތުން ގައުމީ ފިކުރުގައި ހުންނަވާ ގައުމާ މެދު ނުހަނު ވިސްނަވާ އިސްލާހީ ބަދަލުތައް ގެންނަން މަސައްކަތް ކުރި ފަރާތެއް ކަންވެސް ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެފަދަ މުހިއްމު ޝަހުސެއްގެ ވަކިވުމުގެ ވާހަކަ އަޑު އެހީ ނުހަނު ފުން ހިތާމައާ އެކު ކަމަށާ ޟާތް ﷲ ސޭޓުގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާ ސުވާރުގޭގެ އެންމެ މަތިވެރި ނިއުމަތް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ. އަދި އާއިލާއަށް މި ހިތާވެރި ވަގުތުގައި ކެތްތެރިކަން މިންވަރުކުރެއްވުމަށްވެސް ރައީސް ޔާމީން ދުއާ ދަންނަވާފައިވެއެވެ.

ސޭޓު ނިޔާވެފައިވަނީ، ސްރީލަންކާގެ ރާޖަގްރިޔާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ސޭޓު ނިޔާވީ ކެންސަރު ބަލީގައި ދިގު މުއްދަތަކަށް ހަނގުރާމަ ކުރެއްވުމަށް ފަހުއެވެ.

ސޭޓަކީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ޚިދުމަތްކޮށްދެއްވި، ޚާއްޞަކޮށް ސުވެނިއަރ ވިޔަފާރީގައި ނަމޫނާ ދެއްކެވި، ހިތްވަރާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެކެވެ. 

ޤައުމީކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވުމާއި، ސޭޓުގެ ޤައުމީ ވާހަކަތަކާއި، ކުރު ތަޤްރީރު ތަކަކީ ޖޯޝުން ފުރިގެންވާ އުއްމީދީ ވާހަކަތަކެކެވެ. ސިޔާސީގޮތުން ގެންނަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތައް ގެނައުމަށް އަޑު އުފުއްލަވާ ސާބިތުކަމާއެކު އުޅުއްވި ބޭފުޅެކެވެ. އަވަށުގެ ރޫޙުގައި މައްޗަންގޮޅީގެ ކުރިއެރުވުމަށް ކެނޑިނޭޅި އިޚްލާޞްތެރި މަސައްކަތްކުރެއްވި ބޭފުޅެއްވެސް މެއެވެ.

މީގެ އިތުރުން ކެންސަރުގެ ބަލީގެ ބައެއް ބަލި މީހުންނަށް ބޭނުންވާ ބޭސް، ރައްޔިތުންގެ އިޖްތިމާއީ ކަންކަން ބަލަހައްޓާ ރައްޔިތުންގެ ކުންފުނި، އެސްޓީއޯއިން ނުގެންނާތީ އަދި އެފަދަ ބޭސްތައް އަމިއްލަ ފާމަސީތަކުންވެސް ވިއްކުން ސަރުކާރުން ހުއްޓުވާތީ ސޭޓު ވަނީ ދާދި ފަހުން އެ ބޭސް ރާއްޖެ ގެނައުމުގެ ޒިންމާ އޭނާ އަމިއްލަ އުފުލާ އެ ބޭސް ރާއްޖެ ގެނެސް އަދި ބަލި މީހުންނަށް ހަދިޔާވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved