
އިންތިޚާބާ ގުޅޭ ކެމްޕެއިން ކެމްޕެއިން ކުރުން މަނާވި ފަހުން، ރައީސް މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވި މައްސަލަ ބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ގާނޫނީގޮތުން މަނާކަމެއް ނަމަވެސް ރައީސް މުއިއްޒުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު އިރުއޮއްސި 6:08ގައި، ޕީއެންސީގެ ކެމްޕެއިން ފޮޓޯތަކެއް ޕޯސްޓް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ޓެލެކޮމް މެދުވެރިކޮށް ޕީއެންސީން ދަނީ ފާޅުގައި ކެމްޕެއިން މެސެޖުތައް ފޮނުވަމުންނެވެ. "ޗެނަލް 13" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ ބަލާނެ ކަމަށް އީސީން ބުނެފައިވީ ނަމަވެސް، އެ ކޮމިޝަނުން ރައީސް މުއިއްޒާއެކު ސިއްރު "ޑީލެއް" ހަދާފައިވާ ކަމުގެ އަޑުތައް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. މިއީ އިންތިޚާބުގެ އިންސާފުވެރިކަމާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުތަކަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. މިފަދަ މުހިންމު ވަގުތެއްގައި، ސަރުކާރުން ނުފޫޒު ފޯރުވައި ގާނޫނާ ހިލާފަށް ކެމްޕެއިން ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، އީސީ ފަދަ މިނިވަން މުއައްސަސާތަކުން ސަރުކާރާއެކު ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން، ވޯޓުގެ ނަތީޖާގެ ސައްހަކަމާ މެދުވެސް މިހާރު ވަނީ ޝައްކު އުފެދިފައެވެ.




