
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ، އެމެރިކާގެ އެންމެ ވަރުގަދަ އަސްކަރީ ފައުޖު ކަމަށްވާ 'ޑެލްޓާ ފޯސް' ނުވަތަ ސެންޓްކޮމް އަށް ނިސްބަތްވާ 50 އަށްވުރެ ގިނަ ސިފައިން، ޒަމާނީ ހައިޓެކް ހަތިޔާރުތަކާއެކު ސްޓްރޭޓް އޮފް ހޮރްމޫޒް (ހޮރްމޫޒް ކަނޑުއޮޅި) އިން އަތުލައިގަނެފައިވާކަން ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާގެ ސިފައިން މި ސަރަހައްދުން އީރާނުގެ ބާރުގެ ދަށަށް ގެނެވުނު ދެވަނަ ފަހަރެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ތަރުޖަމާނު ދެއްވި ބަޔާނެއްގައި، އެމެރިކާގެ މި އަމަލަށް ވަރުގަދަ އިންޒާރެއް ދެއްވަމުން ވިދާޅުވީ، އީރާނަކީ ވެނެޒުއެލާއެއް ނޫން ކަމަށާއި، އެމެރިކާއިން މިފަދަ ބޮޑު ގޯހެއް ދެވަނަ ފަހަރަށް ތަކުރާރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އީރާނުގެ އިސްތިގުލާލާއި ސަރަހައްދީ ރައްކާތެރިކަމަށް އަރައިގަންނަން އުޅޭ ކޮންމެ ބަޔަކަށް އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
އައި.އާރު.ޖީ.ސީ އިން ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު އެމެރިކާ ސިފައިންގެ އަތުގައި ހުރީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ހަތިޔާރާއި މުވާސަލާތީ އާލާތްތަކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ތެރޭގައި، އީރާނުގެ ކަނޑުގެ ސަރަހައްދަށް އެމެރިކާގެ ސިފައިން ވަދެ އުޅެނިކޮށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާއިން ހިންގި އުދުވާނީ އަމަލެއްގެ ގޮތުގައި އީރާނުން ސިފަކުރެއެވެ.
މި ހާދިސާއާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ހޫނުވެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނަމުންދަނީ އެމެރިކާގެ މިފަދަ "ކުށްތައް" ތަކުރާރުވާނަމަ، އޭގެ ނަތީޖާ މުޅި ސަރަހައްދަށް ކުރިމަތިވާނެ ކަމަށެވެ. އިސްލާމީ އުސޫލުތަކާއި ގައުމީ ސަލާމަތަށްޓަކައި އީރާނުން ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ބޭރުގެ އެއްވެސް ބާރަކަށް އީރާނުގެ ސަރަހައްދަކަށް ފައި އެޅުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް އައި.އާރު.ޖީ.ސީ އިން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ އީރާނުގެ އަސްކަރީ ގާބިލުކަން ދުނިޔެއަށް ދައްކާލި ވަރުގަދަ ހެއްކެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް އެމެރިކާގެ އެންމެ ތަމްރީނު ލިބިފައިވާ 'ޑެލްޓާ ފޯސް' ގެ ސިފައިން މިގޮތަށް އަތުލައިގަނެވުމަކީ، އީރާނުގެ އިންޓެލިޖެންސާއި އަސްކަރީ ބާރުވެރިކަން ހުރި މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.




