
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިފަހުން ގެނައި އިސްލާހުތަކާއެކު އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ސުވާލު އުފެދިގެން ކުރިން ގޮތް ނުނިންމިފައިވާ ސިނގިރޭޓާ އަދި ރޯލިން ޓޮބޭކޯވެސް ކައުންސިލް އިންތިހާބުގެ ފަހުން މަނާކުރާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި ހެލްތު މިނިސްޓްރީގެ މުވައްޒަފަކު މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ވަނީ ކައުންސިލް އިންތިހާބަށް ފަހު ސިނގިރޭޓާ ރޯލިން ޓޮބޭކޯ ވެސް މަނާކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައެވެ. އެއާއެކު ސަރުކާރުގެ ސުޕަރ މެޖޯރިޓީ އިން އެކަން ފާސްކޮށް ގާނޫނަކަށް ހަދާނެކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
މިކަން ކުރަނީ ދުނިޔޭގެ ސިއްހީ ނިޒާމުގައި ރައީސް މުއިއްޒު މެޑަލް ޖަހާ އެވޯޑު ހޯދުމުގެ ގޮތުން ކަމަށް ވެސް ވެއެވެ. ކައުންސިލް އިންތިހާބު ބޯމަތީ އޮތުމުން މިކަން ފަސްކޮށްފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މަޖިލިސް މެމްބަރުންނާ ވަޒީރުންގެ ވެސް ލަފާގެ މަތިންނެވެ.
އެހެންކަމުން ކައުންސިލް އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ސަރުކާރުން ވަނީ ސިނގިރޭޓާ ރޯލިން ޓޮބޭކޯ މަނާކުރަން ނިންމާފައިކަމަށްވެއެވެ.
މިސަރުކާރު އައިސް މީގެ ކުރިން ގިނަ ޒުވާނުން ބޭނުންކުރަމުން އައި ވޭޕުވެސް މަނާކޮށްފައެވެ. އެކަމުގެ ސަބަބުން ޒުވާނުން ސަރުކާރާ މެދު ހިތްހަމަ ނުޖެހި ޝުއޫރު ފާޅުކޮށްފައިވާއިރު ރޯލިން ޓޮބޭކޯ އަދި ސިނގިރޭޓު މަނާކުރުމަކީ ޒުވާނުންގެ ނުރެހުން ސަރުކާރަށް އިތުރަށް އަމާޒުވެގެންދާނެ ކަމެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2024 ވަނަ އަަހަރުގެ ނޮވެމްބަރުމަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކުރުން އަދި ޤާނޫނަކުން މަނާކޮށްފައި އޭރު ނުވެއެވެ.
ދުންފަތާ ގުޅުންހުރި ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް މިވަގުތު އެތެރެކުރުން ޤާނޫނަކުން މަނާކޮށްފައިވަނީ ވޭޕާއި، އީ-ސިނގިރޭޓުފަދަ ތަކެއްޗާއި އެތަކެތީގެ ބައިތަކެވެ.




