
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެ މައްސަލައިގައި ކޯޓުން ނެރުނު "ގެގް އޯޑަރު" ނުވަތަ މައުލޫމާތު ހާމަކުރުން މަނާކުރި އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް އާންމު ޝަކުވާއެއް ނެތި ޕްރޮސެކިއުޓާ ޖެނެރަލްގެ ސީދާ އިރުޝާދުގެ ދަށުން ނޫސްވެރިންނާ ދެކޮޅަށް މިފަދަ ތަހުގީގުތައް ހިންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށާއި، މިއީ ދައުލަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިން ބިރުގަންނަވައި ފިއްތުންތައް ކުރިމަތިކުރުވުން ކަމަށެވެ.
އެމްޖޭއޭގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ދަށުން ޝަރީއަތް ސިއްރުކުރުމާއި، ނޫހުން ހާމަކޮށްފައިވާ މައުލޫމާތުތައް އާންމުން ދެއްކުން މަނާކުރުމަކީ ގާނޫނުއަސާސީން ލިބިދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. މީގެ ކުރިން ކޯޓުތަކުން ނެރޭ މިފަދަ އަމުރުތައް ހުންނަނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ވީ ނަމަވެސް، މުޅި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުން މުޅި އާންމު ރައްޔިތުންނަށް މަނާކުރުމަކީ ރާއްޖޭގެ ޑިމޮކްރެސީ ފަހަތަށް ސިއްސައިގެންދާ ފަދަ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ.
އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށާއި، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެމްޖޭއޭއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަކަށް ގޮވާލާފައެވެ. އެ ޖަމިއްޔާއިން ބުނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަނެއްކާވެސް އަމިއްލަ އެދުން އިސްކުރާ އަނިޔާވެރި ވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.




