
އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއާ އިންޑިއާއަށް ކުރިމަތިވެފައިވާ މާލީ އަދި ފަންނީ ދަތިތަކުގެ ސަބަބުން، އެ އެއާލައިންގެ ބައިނަލްއަގުވާމީ ގިނަ ދަތުރުތަކެއް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އަރަބި މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ހުރި ހުރަސްތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާވުމުގެ ސަބަބުން، އެއާ އިންޑިއާގެ ބައިނަލްއަގުވާމީ ދަތުރުތަކަށް ވަނީ ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ. މިކަމުގެ ސަބަބުން ދަތުރުތަކުގެ ވަގުތު އިތުރުވެ، ބޭނުންވާ ތެލުގެ މިންވަރު އިތުރުވުމަކީ އެއާލައިނަށް ލިބޭ ބޮޑު ގެއްލުމެކެވެ.
އިންޑިއާގެ ގައުމީ އެއާލައިނަށް މިފަދަ ބޮޑު ގޮންޖެހުމެއް ކުރިމަތިވުމަކީ އެ ގައުމުގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުން ގޯސްވުމުގެ ނަތީޖާ، އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އިންޑިއާއަށް ކުރިމަތިވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ހާލަތުގެ ސަބަބުން އެއާ އިންޑިއާގެ ދަތުރުތަކަށް ބަރޯސާވާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މިއީ އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށް މުހައްލިލުން ދެކެއެވެ.




