
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އަށް ކުރިމަތިވެފައިވާ އޮޕަރޭޝަނަލް ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި އެ އެއާލައިންގެ ބައިނަލްއަގްވާމީ ދަތުރުތައް މަދުކުރުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ތެލުގެ އަގު އުފުލުމާއި، ޕެޓްރޯލް ލިބުމުގެ ދަތިތަކުގެ އިތުރުން ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެއާ އިންޑިއާގެ ފްލައިޓްތަކަށް ދިގު ރޫޓުތައް ބޭނުންކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ ސަބަބުން ތެލުގެ ބޭނުން އިތުރުވެ، އެއާލައިންގެ ޖުމްލަ އޮޕަރޭޓިން ހަރަދުތައް ބޮޑުވެ، ބައިނަލްއަގްވާމީ އޮޕަރޭޝަންތަކަށް ބޮޑު ބުރައެއް ވަނީ އުފުލަން ޖެހިފައެވެ.
ޚަރަދުތައް ކުޑަކޮށް، އޮޕަރޭޝަނަލް އެފިޝަންސީ ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އެއާލައިންގެ ޝެޑިއުލްތަކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ބައެއް ބައިނަލްއަގްވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް މަދުކުރުން ހިމެނެއެވެ.
ބައިނަލްއަގްވާމީ ދަތުރުތައް މުޅިން މެދުކަނޑާލާފައިވާކަން އެ އެއާލައިނުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ދަތުރުތައް މަދުކުރަން އުޅޭކަމުގެ އިޝާރާތަކީ މުޅި އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ޕްރެޝަރު ދައްކުވައިދޭ ކަމެކެވެ. މިއީ ޖިއޮޕޮލިޓިކަލް މަސްލަހަތުތަކާއި ހަރަދުތައް ބޮޑުވުމުގެ ސަބަބުން ސަރަހައްދީ އެއާލައިންތަކުގެ ރޫޓް ޕްލޭނިން އަދި ފައިދާއަށް ކުރަމުންދާ އަސަރުތައް ހާމަވާ ކަމެކެވެ.










