May 26, 2026
Advertisement
-
-

އީދަށް ސަރުކާރު ބަންދުކުރި އިރު މުވައްޒަފުންގެ މުސާރަ ޖަމާނުވޭ

Aiminath Sarah
އައިމިނަތް ސާރާ
May 25, 2026, 10:13 PM
މާލެ ސިޓީ

އަޟްޙާ އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދުވިއިރު، ސަރުކާރުގެ ގިނަ މުވައްޒަފުންނަށް މުސާރަ ލިބިފައި ނުވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ. އާންމުކޮށް އީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ސަރުކާރުތަކުން މުވައްޒަފުންނަށް މުސާރަ އަވަހަށް ޖަމާކޮށްދިން ނަމަވެސް، މިފަހަރު މުސާރަ ޖަމާނުވެ ބަންދުވުމުން ގިނަ އާއިލާތަކަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަހުގެ މުސާރަ އީދުގެ ކުރިން ދިނުމަށްޓަކައި މުސާރަ ޝީޓުތައް ތައްޔާރުކޮށް ފޮނުވާފައިވަނީ މަހުގެ ފަހު 05 ދުވަސް މަދުކޮށްގެންނެވެ. ނަމަވެސް، މުސާރަ ޝީޓުތައް ފޮނުވައި، ސަރުކާރު ބަންދުވީއިރުވެސް މުވައްޒަފުންގެ އެކައުންޓްތަކަށް ފައިސާ ޖަމާވެފައި ނުވާކަން ފާހަގަކުރެވެއެވެ.

މުސާރަ ލިބުން ލަސްވުމުގެ ސަބަބުން އީދުގެ ތައްޔާރީތަކަށާއި، އާއިލާތަކާއެކު އީދު ފާހަގަކުރުމަށް ރަށްރަށަށް ދާން ތިބި ފަރާތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ކުރީގެ ސަރުކާރުތަކުން އީދާ ދިމާކޮށް މުސާރަ އަވަސްކޮށްދޭ އުސޫލަށް މި ސަރުކާރުން އަމަލުނުކުރުމަކީ މުވައްޒަފުންގެ އިހުސާސްތަކަށް ބެލުމެއް ނެތި ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މި މައްސަލައިގައި ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، ބަންދު ދުވަސްތަކަށްފަހު ނޫނީ ދެން މުސާރަ ލިބޭނެ ކަމުގެ އުންމީދެއް ނެތުމުން މުވައްޒަފުންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved