May 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ސުވާލެއް ފުލުހުންނަށް: ގާނޫނާ ހިލާފުވާ ސަރުކާރެއް ދިފާއުކުރަން ފުލުހުންނަށް މަޖުބޫރުތޯ؟

Aiminath Sarah
އައިމިނަތް ސާރާ
May 17, 2026, 11:16 PM
މާލެ ސިޓީ

ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބުވެފައިވާ ސަރުކާރެއް އޮތް ނަމަވެސް، އެ ސަރުކާރަކުން ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާ ނަމަ އެފަދަ ސަރުކާރެއް ދިފާއުކުރަން ފުލުހުންނަށް ޖެހޭތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 10 އިންސައްތަ މީހުންވެސް މިހާރު މިއޮތް ސަރުކާރު ހިނގަނީ ގާނޫނާއި ހަމަތަކުގެ މަތިން ކަމަށް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ސަރުކާރު ހޮވިފައި އޮތީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވިޔަސް، ސަރުކާރު ދެމިއޮންނަނީ ގާނޫނާ ހިލާފު އުސޫލުތަކެއްގެ މަތީގައި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ފުލުހުންނަށް ނަސޭހަތްތެރިވަމުން ރައީސް ޔާމީން ސުވާލު ކުރެއްވީ، "ގާނޫނީ ސަރުކާރެއް އޮތަސް ގާނޫނާއި ޚިލާފު ކަންތައްތައް ކުރާކަމަށްވަންޏާ ފުލުހުންނަށް ޖެހޭތޯ އެ ސަރުކާރު ދިފާޢު ކުރަން؟" މިފަދައިންނެވެ. އަދި ރައްޔިތުންނަށް އަނިޔާވާ ގޮތަށް ގަދަބާރުން އެފަދަ ވެރިކަމެއް ދިފާއުކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއްތޯވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުލުހުންނާއި ސިފައިންނަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ހަމައެކަނި ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭ ބަޔެކެވެ. އެހެންކަމުން، ސިޔާސީ ކަންކަމުގެ ތެރެއަށް އަމަން ބަލަހައްޓަން ތިބޭ މީހުން ވަނުމުގެ ބަދަލުގައި، އެކަންކަން ސިޔާސީ މީހުންނަށް ދޫކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved