
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފޯރިގަދަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައި އެ ޕާޓީގެ އޮފީސް، "ފްރޮންޓް އޮފީސް" ގައެވެ. މި ޖަލްސާގައި ޤައުމީ މަޞްލަޙަތާއި ގުޅުންހުރި މުހިންމު ކަންތައްތަކަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.
ޕީއެންއެފް އިން ވަނީ މި ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު ޤައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައެވެ. ވަކިން ޚާއްޞަކޮށް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި، ޤައުމީ ފިކުރުގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.
ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ޖަލްސާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުމާއެކު ބާއްވާ މިފަދަ ޖަލްސާތަކުގައި ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެއެވެ.
މި ފަހަކަށް އައިސް ބާއްވާ ކޮންމެ ޖަލްސާއަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޙާޟިރުވަމުންދާއިރު، އާދީއްތަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއަކީވެސް ފޯރިގަދަ ޖަލްސާއަކަށް ވާނެ ކަމަށް ބެލެވެއެވެ.




