
ދިވެހިރާއްޖޭގެ އިގްތިސާދީ މުހިންމު އެސެޓްތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމާއި، އިޒްރޭލުގެ ފަރާތްތަކަށް ރާއްޖެއިން ފުރުސަތުތައް ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިގްތިސާދު ފުނޑުފުނޑުވެގެން ދިޔަ ސިލޯނާއި ގްރީސްގެ ހާދިސާތަކުން މިހާރުގެ މުއިއްޒުގެ ސަރުކާރުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. މިގޮތުން، ރާއްޖޭގެ މައި ދޮރާށި ކަމަށްވާ އެއާޕޯޓާއި ސީޕޯޓް ފަދަ ތަންތަން ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ދިވެހިންގެ އަތުން ގައުމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"ރައީސް ނަޝީދު އަޅުގަނޑުމެންގެ އެއާޕޯޓް ޖީއެމްއާރަށް ވިއްކާލީ. އެކަން އެމަގުން ދިޔަނަމަ މިއަދު ރާއްޖޭގެ ހާލަތު އޮންނާނީ ވަރަށް ގޯސްކޮށް. މިހާރުގެ ރައީސް މުއިއްޒުވެސް ދެ ފަހަރެއްގެ މަތިން ސީޕޯޓް ވިއްކާލަން މަސައްކަތް ކުރައްވައިފި. އަދިވެސް އެކަން ހުއްޓާނުލައްވާ. މި ދެތަން ވިއްކާލައިފިނަމަ ދިވެހިންނަށް ދެން މި ގައުމުގައި އުޅޭނެ ގޮތެއް ނޯންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބޭރު މީހުން ވަޒަންވެރިވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ނުވެގެން އުޅޭއިރު، ޔަހޫދީންނަށާއި ބޭރުގެ އެހެން ގައުމުތަކުގެ މީހުންނަށް ރާއްޖެއިން ގެދޮރުވެރިކަމަށް ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިޒްރޭލުގެ އެލް-އަލް އެއާލައިނަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެއީ ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ނަފުރަތު އަމާޒުވެފައިވާ ގައުމު ކަމަށާއި، އެމީހުންނަށް ރާއްޖެއިން ފުރުސަތު ދިނުމަކީ ރާއްޖެއަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ހުޅުވައިލެވޭ ދޮރެއް ކަމަށެވެ. މީގެ ކުރީގެ ސަރުކާރުން އެ އެއާލައިން ރާއްޖޭއަށް ދަތުރުކުރުމަށް ހުއްދަ ދިން ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ޒަޢާމަތުގައި އެކަން ހުއްޓާލެއްވި ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ހުއްޓުވީ ސަބަބުތަކެއް އޮވެގެން. އިޒްރޭލަކީ ގައުމުތަކުގެ ސުލްހަ ނަގާލާ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ބައެއް. އެމީހުންގެ ބޯޓުފަހަރަށް ރާއްޖޭގައި ރައްކާތެރިކަން ދެވޭނެތޯ؟ މިއީ ގައުމުގެ ވެރިއަކަށް ހުންނަ މީހާ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަންކަން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިފަދަ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައުމުގެ ފުރުސަތު އޮތް ކަމަށާއި، ސަރުކާރުގެ މި ސިޔާސަތުތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.




