June 24, 2026
Advertisement
އީސީގެ މެމްބަރު ކަމަށްދާން، ޝަކީލު ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދިިފި
އީސީގެ މެމްބަރު ކަމަށްދާން، ޝަކީލު ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދިިފި / އެޓޮލް ޓައިމްސް

އީސީގެ މެމްބަރު ކަމަށްދާން، ޝަކީލު ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދިިފި

Jun 23, 2026, 08:53 PM
މާލެ ސިޓީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުގައި ހުންނެވި މުހައްމަދު ޝަކީލު އެ މަގާމުން ދާދި ދެންމެއަކި އިސްތިއުފާ ދެއްވައިފިއެވެ.

Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން، ޝަކީލް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޝަކީލު އެ މަގާމުން އިސްތިއުފާދިން އިރު، ރައީސުލްޖުމްހޫރިއްޔާ އޭނާ އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮުނުވުމުން މަޖިލީހުން އަންގާރަ ދުވަހު ވަނީ އޭނާއަށް ރުހުންދޭން ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 51 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓުދެއްވިއެވެ.

ޝަކީލު އީސީއަށް އައްޔަންކުރަން ރައީސް ނަން ފޮނުއްވިއިރުވެސް އޭނާއަކީ ޕިއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ސެނެޓު މެމްބަރެކެވެ. އެހެންކަމުން ޝަކީލު ނަޒާހާތްތެރި ވެދާނެކަމާ މެދު ގިނަބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މަސްލަހަތު ފުށު އަރާނެ މަގާމެއްގައި ހުރި މީހެއްގެ ނަން، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިލެކްޝަނަށް ކޮމިޝަނަށް އައްޔަންކުރަން ހުަހެޅުމުގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒަހިދު (ޒާހިދު) އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި އެ މަގާމަށް ޝަކީލު އައްޔަންކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް މަގު ފަހިކުރުމަށް ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މަސްދަރަކުން ބުނެފައިވެއެވެ.

ނަން ހާމަނުކުރުމަށް އެދި މައުލުމާތު ދިން ފަރާތުން ބުނެފައިވަނީ، ޝަކީލުއަށް ދުވަސްކޮޅެއް ކުރިން ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދޭން ރައީސް މުއިއްޒު އެންގެވި ކަމަށާ ނަމަވެސް އޭރު ހައްޖު މޫސުމަށްވެފައި، ޝަކީލުވެސް ހައްޖަށް ދިއުމަށް ވިސާ ނަގާ ދަތުރު ހަމޖެހިފައި އޮތުމުން ހައްޖުން އެނބުރި އައިސް އިސްތިއުފާދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އީސީއަށް ޝަކީލު އައްޔަންކުރަނީ، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް އީސީ ތެރެއަށް ނުފޫޒު ފޯރުވާ ކަންކަން ބައްޓަން ކުރަން ކަމަށާ އަދި އޭގެ އިތުރުން 2028 ރައީސް މުއިއްޒަށް އިންތިހާބުން ކާމިޔާބު ނުވާނެކަން ޔަގީންވާތީ ވޯޓުން ވައްކަން ކުރުމަކީ ވެސް މީގެ ފަހަތުގައި އޮވެދާނެ މަގްސަދެއް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.

ކޮމިޝަންގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުން ދިޔުމަކީ ޒާހިދު މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބުކަމަށްވާއިރު، މިއީ މިހާރު މިނިވަންކަމާއެކު ފަންކްޝަން ކުރާ ހަމައެކަނި މިނިވަން މުއައްސަސާ ރައީސް މުއިއްޒު މުށު ތެރެއަށް ދަމައިގަތުމަށް ހުޅުވޭނެ ދޮރެއް ކަމަށް ވެދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved