
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލު، ބޭނުންވަނީ ނޫސްވެރިންނަށް ފިޔަވަޅު އެޅުމަށް ކަމަށް ހާމަކޮށްފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒަށް އަމާޒުވާ ބޮޑު ތުހުމަތަކާ ގުޅިގެން ނޫހެއްގެ އޮފީހަށް ފުލުހުން ލައްވާ ރެއިޑް ޖަހާ ބަލާ ފާސްކޮށް ނޫސް ހިންގުމަށް ބޭނުންވާ ހުރިހާ އާލަތްތައް ފުލުހުން ގެންގޮސްފައިވާވުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒުވުމުން، ރައީސްއާ ސަރުކާރުގެ ދިފާއުގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ސޯޝަލް މީޑިޔާގައި ލިޔުމަށް އަމުރުކޮށްފައިވަނިކޮށް ޝަކީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިފާޅުވީ، ހަގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް ދޭންޖެހޭ އިހުތިރާމަށްޓަކާވެސް ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންހިފާ މީހުންނަށް ފިޔަވަޅު އެޅެންޖެހޭަކަމަށެވެ.
ޝަކީލް ވިދާޅުވީ، މިއަދުގެ މުޖުތަމައުގައި ނޫސްވެރިންގެ ފާހުގެ ނިވަލުގައި ތިބެގެން ގައުމު ފަސާދަކުރަމުންދާ ބަޔަކު މަދުން ނަމަވެސް އުޅޭ ކަމީ، އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތެއްކަމަށެވެ.
ޝަކީލު މިފަދައިން ވިދާޅުވެފައިވާއިރު، ޝަކީލު ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުގައި ހުންނަވާ ހައްޖު ކިޔުއިން ވައްކަން ކުރަމުންދާ ކަމަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ. އަދި އެކަމާ ގުޅިގެން މިފަހަރު ސަރުކާރުން އެކި މަގާމުތަކަށް ބަދަލުގެނައި އިރު ޝަކީލުވެސް މަގާމުން ވަކިކުރަން ރައީސް މުއިއްޒު ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި ފަހަރުގެ ހައްޖުގައި ބައިވެރިވުމަށް ޝަކީލު ވިސާ ޖަހާ ޓިކެޓުނަގައި ތައްޔާރީވެފައިވުމުން މަގާމުން ވަކިކުރުން މަޑު ޖައްސާލީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޝަކީލުގެ އެމްޑީކަމުގައި ހައްޖު ކިޔު ކުރިއަށް ނުކަނޑާތީއާ ކިޔުގައި ހިމެނޭ މީހަކު އުޒުރަކާ ގުޅިގެން ކިޔު ދޫކޮށްލި ކަމުގައިވީ ނަމަވެސް ދެން ޖެހިގެން އިން މީހާއަށް ކުރިއެރުން ލިބުމުގެ ބަދަލުގައި ސީދާ ޕީއެންސީއާ ގުޅުން އޮންނަ މީހުންނަށް ކިޔުއިން ޖާގަ ލިބޭކަމުގެ ޝަކުވާވެސް ބޮޑުވެފައިވެއެވެ. އަދި އެކަން ހިނގަނީ އެހެން ކަމަށް އެމްޑީ ޝަކީލު އިއުތިރާފުވެފައި ހުރި ކަމަށް ވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ނޫސްވެރިންނާ މެދު ފިޔަވަޅު އަޅަން ޝަކީލު ގޮވާލާފައިވާއިރު، ޚުދު ޝަކީލަކީ، ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރަށާ ރައީސް ސޯލިހަށް ފާޑުކިޔާ އެއްޗެހި ގޮވަން ނޫހެއް ސިއްރިއްޔާތުގައި ހަދަން އޭރު މަސައްކަތްކުރި މީހެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި މިއަދު ސަރުކާރުގެ އެކި މަގާމުތަކުގައި ވަގު ނޫސް ހަދައިގެން އޭރު ސަރުކާރަށް ފާޑުކީ މީހުން ތިބިކަންވެސް ފާހަގަކޮށްލެވެއެވެ.










