June 16, 2026
Advertisement
މަސްލަހަަތު ފުށު އަރާ މަގާމެއްގައި ހުރި މީހެއްގެ ނަން، ރައީސްގެ ފަރާތުން އީސީއަށް!
މަސްލަހަަތު ފުށު އަރާ މަގާމެއްގައި ހުރި މީހެއްގެ ނަން، ރައީސްގެ ފަރާތުން އީސީއަށް! / ކޯޕަރޭޓް މޯލްޑިވްސް

މަސްލަހަަތު ފުށު އަރާ މަގާމެއްގައި ހުރި މީހެއްގެ ނަން، ރައީސްގެ ފަރާތުން އީސީއަށް!

Jun 15, 2026, 02:57 PM
މާލެ ސިޓީ

މަސްލަހަތު ފުށު އަރާނެ މަގާމެއްގައި ހުރި މީހެއްގެ ނަން، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިލެކްޝަނަށް ކޮމިޝަނަށް އައްޔަންކުރަން ހުށަހަޅައިފިއެވެ.

Advertisement

އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރެޖިސްޓްރާ އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި މުހައްމަދު ޝަކީލް އައްޔަނުކުރެއްވުމަށް، އޭނާގެ ނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒަހިދު (ޒާހިދު) އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި އެ މަގާމަށް ޝަކީލު އައްޔަންކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް މަގު ފަހިކުރުމަށް ކަމަށް މި ނޫހަށް މައުލޫމާތު ދިން ޕީއެންސީގެ މަސްދަރަކުން ބުނެފައިވެއެވެ.

ނަން ހާމަނުކުރުމަށް އެދި މައުލުމާތު ދިން ފަރާތުން ބުނެފައިވަނީ، ޝަކީލުއަށް ދުވަސްކޮޅެއް ކުރިން ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން އިސްތިއުފާދޭން ރައީސް މުއިއްޒު އެންގެވި ކަމަށާ ނަމަވެސް އޭރު ހައްޖު މޫސުމަށްވެފައި، ޝަކީލުވެސް ހައްޖަށް ދިއުމަށް ވިސާ ނަގާ ދަތުރު ހަމޖެހިފައި އޮތުމުން ހައްޖުން އެނބުރި އައިސް އިސްތިއުފާދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އީސީއަށް ޝަކީލު އައްޔަންކުރަނީ، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް އީސީ ތެރެއަށް ނުފޫޒު ފޯރުވާ ކަންކަން ބައްޓަން ކުރަން ކަމަށާ އަދި އޭގެ އިތުރުން 2028 ރައީސް މުއިއްޒަށް އިންތިހާބުން ކާމިޔާބު ނުވާނެކަން ޔަގީންވާތީ ވޯޓުން ވައްކަން ކުރުމަކީ ވެސް މީގެ ފަހަތުގައި އޮވެދާނެ މަގްސަދެއް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.

ކޮމިޝަންގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުން ދިޔުމަކީ ޒާހިދު މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބުކަމަށްވާއިރު، މިއީ މިހާރު މިނިވަންކަމާއެކު ފަންކްޝަން ކުރާ ހަމައެކަނި މިނިވަން މުއައްސަސާ ރައީސް މުއިއްޒު މުށު ތެރެއަށް ދަމައިގަތުމަށް ހުޅުވޭނެ ދޮރެއް ކަމަށް ވެދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved